މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްއާ ހަމައަށް އޮންނަ މަގާއި ފަޅު މާދަމާ ބަންދުކުރަން ނިންމައިފި އެވެ. 

އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނު މަގުގެ ފިޔަވަހި 1 ގެ ސެގްމަންޓް ދެއަކުން ފެށިގެން 4 އަކާ ހަމައަށް ޝީޓް ޕައިލްކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވުމާ އެކު މާދަމާ އިން ފެށިގެން ޖުލައި 4 ގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބީއެމްއެލްްއާ ހަމައަށް އޮންނަ މަގާއި ފަޅު ބަންދުކުރަން ނިންމާފައިވާ ކަމަށެވެ. 

އެހެންވެ މި ސަރަހައްދުގައި މިވަގުތު އަޅާފައިވާ ދޯނިތަކާއި ލޯންޗުތައް ނަގައި އެތަން ހުސްކޮށް ދިނުމަށް އެމްޓީސީސީން އެދިފައިވެ އެވެ. އަދި އެކަމުގައި ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފަ އެވެ.

މަގު ހަދަން ފަޅު ބަންދުކުރަން ނިންމިއިރު އެތަނަކީ ރަށްރަށަށް ދަތުރުކުރާ ގިނަ އަދަދެއްގެ ލޯންޗު ފެރީތައް ގާތްކުރާ ސަރަހައްދެކެވެ. 

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލް ކައިރިން ފެށިގެން ރަސްމީ ފާލަމާ ހަމައަށް މަގު ފުޅާކޮށް ތާރު އަޅާނެ އެވެ. އެ މަސައްކަތް ފެށީ ހެންވޭރު ޓާމިނަލް ކައިރިންނެވެ. އެހެންވެ، ހެންވޭރު ޓާމިނަލަށް ކައިރިކުރާ އަތޮޅު ފެރީތަކުގެ ހިދުމަތް މާފަންނު ފެރީ ޓާމިނަލް [ވިލިމާލެ ފެރީ ޓާމިނަލް] އާއި ހުޅުމާލެ ފެރީ ޓާމިނަލަށް ވަނީ ބަދަލުކޮށްފަ އެވެ. 

މާލޭގެ އެންމެ ކާރޫބާރޫބޮޑު އެއް މަގު އަލުން ޒަމާނީ ފެންވަރަށް ތަރައްގީކުރަމުން އަންނައިރު އެ މަގުގެ މަސައްކަތް ފެށުމުގެ ކުރިން ސިޓީ ކައުންސިލުންކޮށްފައިވާ އިއުލާނުގައިވަ ގޮތުން އެކި ސެގްމެންޓްތަކަށް ބަހާލައިގެން ހިންގާ އެ މަޝްރޫއުގައި އެންމެ ފުރަތަމަ ކުރިއަށް ދާނީ ހެންވޭރު ޓާމިނަލުން ފެށިގެން މަސްވެރިންގެ ޕާކާ ހަމައަށް ހިމެނޭ ސަރަހައްދު ތަރައްގީކުރުމެވެ. އެ މަސައްކަތް ނިމެންދެން އެތަން ވަނީ ބަންދުކޮށްފަ އެވެ. 

އެ ސަރަހައްދުގެ މަސައްކަތް ނިންމުމަށް ފަހު ދެން މަސައްކަތް ފަށާނީ މަސްވެރިންގެ ޕާކުން ފެށިގެން ފަސް ނަމްބަރު ފާލަމާ ހަމައަށެވެ. އަދި އެ ސަރަހައްދު ބަންދު ކުރާނެ ކަމަށް އޭރު ބުނެފައި އޮތީ މާޗު 30 އިން ފެށިގެން މަސައްކަތް ނިމެންދެނެވެ.

ކައުންސިލުން ބުނި ގޮތުގައި ފަސްވަނަ ނަމްބަރު ފާލަމުން ފެށިގެން އިއްޒުއްދީން ފާލަމާހަމައަށް ހިމެނޭ ސަރަހައްދުގެ މަސައްކަތް ފަށާނީ އޭޕްރީލް 17 ހިސާބުގަ އެެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއުގެ ދަށުން ނޯތު ހާބަރުން ފެށިގެން ޖުމްހޫރީ މައިދާނާ ހަމައަށް ތާރު އަޅައި އެ ތަން މިހާރު އަންނަނީ ބޭނުންކުރަމުންނެވެ. އަދި އެ މަގު ފުޅާކުރުމުގެ ސަބަބުން އެ ސަރަހައްދުގެ ތޮއްޖެހުން ވަނީ ވަރަށް ބޮޑަށް ހައްލުވެފަ އެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބޭރު މަގު ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު އެއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއުއެކެވެ.