މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ބަންޑުން ޖަހައިލުމާ އެކު، ރޭ ދަންވަރު ގެއްލުނު ގއ. ކޮލަމާފުށީ، އިސްމާއިލް އަފީފު މިއަދު ހެނދުނު 10 ޖަހަނިކޮށް ފެނުނީ ޕެލެޓެއްގައި ހިފައިގެން އޮއްވާ އޮޔާދަނިކޮށެވެ. މާސިންގާ ބިޔަ ރާޅުތަކުގެ ތެރޭގައި ޕެލެޓެއްގައި ދެ އަތުން ހިފައިގެން އުމުރުން ގާތްގަނޑަކަށް 87 އަހަރުގެ އަފީފު ކަނޑުމަތީގައި އެގޮތަށް އޮންނަތާ އޭރު ނުވަ ވަރަކަށް ގަޑިއިރު ވެއްޖެ އެވެ. 

ކަނޑުމަތީގައި އަފީފު ދެއްކީ އާދަޔާ ހިލާފު ހިތްވަރެކެވެ. އުމުރުން ދުވަސްވެ، ގައިގައި ބާރު ދެރަވެފައި ވިޔަސް ގިނަ އިރުތަކެއް ވަންދެން ޕެލެޓެއްގައި ހިފައިގެން އޮތީ ގަދަ ހިތްވަރާ އެކުގަ އެވެ.

ކައިރީގައި ތިބި މީހުންގެ އެހީގައި ކޮލަމާފުށީގައި ތިބި އޭނާގެ އާއިލާގެ މީހުންނަށް ގުޅައި އަފީފް ވާހަކަ ދައްކާފައިވެ އެވެ. 

އެ ބޯޓު އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިގެންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ބޯޓު އަޑިޔަށްދާ ކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 1:25 ހާއިރެވެ.

އެ އުޅަނދުގައި 13 މީހަކު ދަތުުރުކުރިއިރު އޭގެ ތެރެއިން އަފީފު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އައީ ރެއިން ފެށިގެން ކުރަމުންނެވެ. 

އަފީފް ފެނުނު ޚަބަރު ހިއްސާކޮށް، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަފީފް ފެނުނީ އޮޔާދިޔަ ޕެލެޓެއްގެ މަތީގައި އޮއްވައި، އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށް ކަމަށެވެ. އެ މީހާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

އަފީފް ސަލާމަތްކުރާ މަންޒަރު ފެންނަ ވީޑިއޯގައި ފެންނަނީ ޕެލެޓެއްގައި ދެ އަތުން ހިފަހައްޓައިގެން އޮއްވަ އެވެ. އޭރު އޭނާގެ ހަށިގަނޑު އޮތީ އެއްކޮށް މޫދުގަ އެވެ. ބިޔަ ރާޅުތަކާ ހެދީ ފެންނަނީ އޭނާގެ ބޯ އެކަންޏެވެ.

އެހެންވެ، އަފީފް ސަލާމަތްކޮށް ދޯންޏަށް ނެގުމަށް ރިންގެއް އެއްލާ މަންޒަރު ވީޑިއޯގައި ފެނެ އެވެ.  

އޭނާ ސަލާމަތް ކުރުމަށް ފަހު، ނަގާފައިވާ ފޮޓޯއ އިން ފެންނަ ގޮތުގައި ގިނައިރުތަކެއް ވަންދެން މޫދުގައި އޮންނަން ޖެހުމުން ހުރީ ފިނިބޮޑުވެފަ އެވެ. 

އެނގިފައިވާ ގޮތުގައި އަފީފުގެ މުޅި އުމުރު ހޭދަކޮށްފައި ވަނީ ގުރުއާން ކިޔަވައިދިނުމާއި އިމާމު ކަމުގަ އެވެ. މި ފަހަރު އުދަރެސް ބޯޓުން މާލެ އައީ ގޭގައި ގެންގުޅެން ގެނައި ބިދޭސީމީހާއާ ހަވާލުވާން ކަމަށް ވެ އެވެ. 

"އެ ބިދޭސީމީހާ ބަލާ މާލެ އައިސްފައި އެ މީހާ ގޮވައިގެން ރަށަށް އައި މަގުމަތީގައި މިކަމެއް ދިމާވީ،" މައުލޫމާތު އެނގޭ މީހަކު ކިޔައިދިނެވެ.

ފުލުހުން ބުނީ ހާދިސާ ހިނގިއިރު ބޯޓުގައި އަފީފުއާ އެކު 13 މީހުން ތިބި ކަމަށެވެ. އޭގެ ތެރެއިން ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެއްޔަށް އަރައިފަ އެވެ. ބާކީ ތިބި 11 މީހަކު އެ ރިސޯޓުގެ ދޯންޏަކަށް ނަގައިގެން ގެންދިޔައިރު އަފީފު ފެންނާކަށް ނެތެވެ. 

"އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ސަލާމަތް ކުރެވުނު ޖުމުލަ 12 މީހުންގެ ހާލު ވެސް ރަނގަޅެވެ،" ފުލުހުން މީޑިއާއާ ހިއްސާކުރި މެސެޖެއްގައި ވެ އެވެ.