އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި 2005 ވަަނަ އަހަރުން ފެށިގެން ހުންނެވި، ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) އަށް އެނގިވަޑައިގަތުމެއް ނެތި އޭނާ ޕީއެންސީ އަށް ބަދަލުކުރި މައްސަލާގައި ހެއްކާއި ގަރީނާ ނެތުމުން އެ މައްސަލަ ފައިލް ކޮށްފައިވާ ކަން ފުލުހުން އަންގައިފި އެވެ.
އެމްޑީޕީ ސަރުކާރުގައި ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ތޯރިގްގެ ނަން އޮތީ ޕީއެންސީގެ ދަފްތަރުގައި ކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ޑިސެމްބަރު 2024 ގަ އެވެ.
މަނަދޫ ދާއިރާގެ ރައީސްގެ މަގާމުގައި ހުންނެވި ތޯރިގް ފުލުސް އޮފީހަށް މައްސަލަ ހުށަހެޅުއްވީ އޭނާގެ ޒާތީ މައުލޫމާތު ވަގަށް ބޭނުންކޮށް ޕީއެންސީ އަށް ފޯމު ފުރާފައިވާ މައްސަލަ ބަލައިދިނުމަށެވެ.
ނަމަވެސް އެ މައްސަލާގައި ފުލުހުން އިއްޔެ ތޯރިގަށް ދިން ޖަވާބުގައި ބުނީ، ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މައްސަލަ އިތުރަށް ދިރާސާކުރިއިރު، ޖިނާއީ ދައުވާއެއް ކުރެވޭ ވަރަށް ހެއްކާއި ގަރީނާ ނެތް ކަމަށެވެ. އެހެންވެ، ޕީޖީ އޮފީހުން އެ މައްސަލަ ބަލައިނުގަނެ ފޮނުވާލާފައިވާތީ "އިތުރަށް ފިޔަވަޅު ނާޅާ ގޮތަށް" ތޯރިގް ހުށަހެޅުއްވި މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ޖަވާބުގައި ވެ އެވެ.
އެ ޖަވާބާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވީ، ހެކިންގެ ގޮތުގަ ސޮއިކޮށް، ފިންގަޕްރިންޓް ޖެހީ ކޮން ބައެއްކަން އެނގި، ޕާޓީގެ ފަރާތުން ސައްހަ މައުލޫމާތުކަން ކަށަވަރުކޮށް، ސޮއިކޮށްފައި ވަނީ ކާކުކަން ބަލައި އަދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ޗެކްކޮށް ޕާޓީ ދަފުތަރު ބަދަލުކުރީ ކާކުކަން އެނގޭނެ ކަމަށެވެ.
އެހެންވެ، މި ހާލަތުގައި އެ ކޮމިޝަނަށް އިތުބާރު ކުރެވިދާނެތޯ ތޯރިގް ސުވާލު އުފެއްދެވި އެވެ.