މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައެއް ތަހުގީގުކުރަމުން އަންނަ ކަމަށާއި މި މައްސަލައިގެ ތަހުގީގެތެރެއިން މިހާތަނަށް ހޯދިފައިވަނީ ބައި ލައްކަ ރުފިޔާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ. 

ފުލުހުން ބުނީ މިއީ މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ހަވީރު ހުށަހަޅާފައިވާ މައްސަލައެއް ކަމަށާއި މި ބޮޑު ވައްކަމުގެ ތުހުމަތު ފަސް މީހަކަށް ކުރެވޭއިރު އޭގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުންނަކީ؛ 

  • މުހައްމަދު ނޫރު އަހްމަދު، 40، ކަސްތޫރިމާގެ / ޅ.ނައިފަރު
  • މުހައްމަދު އަފްރާހް، 40، މޫންލައިޓްވިލާ / ސ.މީދޫ
  • އިސްމާއިލް އާސިފް، 36، ދާރުލް އައްވަލް / ރ.މަޑުއްވަރި
  • އަހްމަދު ފާރިސް، 39، މ. އޭސިއާ 

ފުލުހުން ބުނީ ތުހުމަތުކުރެވޭ އެކަކު އަދި ހައްޔަރުކުރެވިފައި ނުވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި، ތަހުގީގު މަރުހަލާ މުޅިން ފުރިހަމަކޮށް، މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.