ކ. ހުރާގެ ގެއެއްގައި ރޯވެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި، އެ ގޭގައި އުޅުނު އަންހެންމީހާ އަށް ލިބުނު ކުއްލި ޝޮކާ އެކު އަދިވެސް ވާހަކަ ނުދެއްކޭ ކަމަށާއި އެހެންވެ އެ މީހާ މާލެ ގެނެސް ފަރުވާދެމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ރޭ ދަންވަރު 1:30 ވާން އުޅެނިކޮށް ހިނގި މި އަލިފާނުގެ ހާދިސާގައި ހުރާ، ނޫފަރުގޭގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފަ އެވެ.
މީހުން ދިރިއުޅެމުން އައި އެ ގޭގައި ރޯވި އަލިފާންގަނޑު ނިއްވައިލެވުނީ ރޯވިތާ ގަޑިއެއްހާއިރު ފަހުންނެވެ. އޭރު އެ ގެ ހުރީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ.
ހުރާ ކައުންސިލް މެމްބަރު ހަސަން ފިރާޝް "މިހާރު" އަށް މިއަދު ވިދާޅުވީ، އެ ގޭގައި ދިރިއުޅުނު އުމުރުން 34 އަހަރުގެ އަންހެންމީހާ އަތުގެ ކޮނޑުހުޅު ކައިރި އާއި އަތްތިލަ ވަރަށް ބޮޑަށް ފިހިފައިވާ ކަމަށެވެ.
"މާލެ ގެނައީ ފިހިގެން ފަރުވާ ދިނުމަށް ވުރެ ބޮޑަށް އަލިފާން ރޯވެފައި ހުއްޓާ ކުއްލިއަކަށް ފެނިގެން ލިބުނު ޝޮކުގައި އޭނާ އަށް އަދިވެސް ވާހަކަ ނުދައްކޭތީ. އެހެންވެ އެކަމަށް އަސްލު މާލެ ގެނައީ އިތުރު ފަރުވާ ދިނުމަށް،" ފިރާޝް ވިދާޅުވި އެވެ.
ފިރާޝް ވިދާޅުވި ގޮތުގައި އަލިފާން ރޯވީ އަންހެންމީހާ ނިދާފައި އޮތް ކޮޓަރީގެ ބާލީހެއްގަ އެވެ.
"އެ އަންހެންމީހާގެ ބޭބެ އެ ވަގުތު އުޅުނީ މީހުން ސަލާމާތް ކުރަން. އެ ގޭގެ އެންމެ އެތެރެއަށް ހުންނަ ކޮޓަރީގައި އަންހެންމީހާގެ ކުޑަ ދެ ކުދިން ނިދާފައި ތިބުމުން އެ ކުދިން ގެއިން ބޭރަށް ނެރެފައި ދެން އެތެރެއަށް ވަތްއިރު ބޮޑުބައިގައި އަލިފާން ހިފާފައި ހުރި ކަމަށް ވަނީ."
ނޫފަރުގޭގައި ކުއްޔަށް ދިނުމަށް ހަދާފައި ހުންނަ ދެ ބައިގައި ދިރިއުޅުނު މީހުންނާއި ގޭގެ ކުޑަ ދެކުދިންނާ އެކު ޖުމްލަ 15 މީހަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ރަށު ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެމްޑީއެމްއޭއިން ބުންޏެވެ.
އަލިފާން ރޯވީ ކަރަންޓު ޝޯޓެއްގެ ސަބަބުން ކަަމަށް މިހާތަނަށް ބެލެވުނަސް ހަގީގީ ސަބަބު އެނގޭނީ އަންހެންމީހާ އަށް ވާހަކަ ދެއްކޭވަރު ވުމުން ކަމަށް ފިރާޝް ވިދާޅުވި އެވެ.