ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސްކޫލު، މަޖީދިއްޔާއަށް 99 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު އެ ސްކޫލުގެ އާ ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއް އިފްތިތާހްކޮށްފި އެވެ.

އާ ވެބްސައިޓާއި ޔޫޓިއުބް ޗެނަލެއް އިފްތިތާހު ކޮށްދެއްވީ މިއަދު ހެނދުނު އެ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ.

އެ ސްކޫލުގެ ވެބްސައިޓް www.majeediyya.edu.mv އިން ސްކުލާ ގުޅޭ މިހާރުގެ މައުލޫމާތާއި އެ ސްކޫލުގެ ތާރީހު އަދި ސްކޫލުގައި ގެންދާ ހަރަކާތްތަކުގެ މައުލޫމާތު ވެސް ވަނީ ހިމަނައިފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖީދިއްޔާ ސްކޫލުގެ ހާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖީދިއްޔާ ސްކޫލުގެ ހާއްސަ އެސެމްބްލީގައި ވާހަކަ ދައްކަވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އޭގެ އިތުރުން އެ އެސެމްބްލީގައި ވަނީ "މަޖީދިއްޔާ މޫމަންޓްސް" ނަމުގައި އެ ސްކޫލުގެ ފޮތެއް ވެސް ނެރެފަ އެވެ.

އެ ފޮތަކީ ކޮންމެ އަހަރަކު އެ ސްކޫލުގައި ހިންގާ އެކިއެކި ހަރަކާތްތަކާއި ފާހަގަ ކުރެވޭ ހާއްސަ ދުވަސްތަކާ ގުޅުވައިގެން ފޮޓޯ އާއި މައުލޫމާތު ހިމަނައިގެން އެ ސްކޫލުން ނެރެން ނިންމި ފޮތެކެވެ.

އެ ސްކޫލަށް 99 އަހަރު ފުރުނު މުނާސަބަތުގައި ވަނީ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމުގެ އިތުރުން އިސް ރަށްވެހިންނާއެކު ވަގުތު ހޭދަ ކުރުމުގެ ޕްރޮގްރާމްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ނިންމައިފަ އެވެ.

ތައުލީމީ ނިޒާމު ކުރިއަރުވައި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ އާ ކަންތައްތައް ތައާރަފް ކުރުމުގައި މަޖީދިއްޔާ ސްކޫލު ވާން ޖެހެނީ ނަމޫނާއަކަށް ކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. 

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޖާހިދު އެ ސްކޫލަށް ވަންނަވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ
އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުޖާހިދު އެ ސްކޫލަށް ވަންނަވަނީ-- ފޮޓޯ: އެޑިޔުކޭޝަން މިނިސްޓްރީ

އެގޮތުން އަންނަ އަހަރު އެ ސްކޫލަށް 100 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން މަޖީދިއްޔާގެ ހުޅަނގު ފަރާތުގައި އޮތް ޕާކިން އޭރިއާ ނަގައި އެ ތަނުގައި މަޖީދިއްޔާގެ 100 އަހަރު ރަމްޒުކޮށްދިނުމަށްޓަކައި ހާއްސަ ބިނާގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު މިއަދު ވަނީ ވިދާޅުވެފައި އެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގައި އިންޓަނޭޝަނަލް ކަރިކިއުލަމްއަށް ކިޔަވައިދޭން ފެށި ފުރަތަމަ ސްކޫލެވެ. ޖުމްލަ 60 ވަރަކަށް ދަރިވަރުންނާއެކު ކިޔެވުން ފެށި އެ ސުކޫލުގައި މިހާރު 1300އަށް ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލްކުރެ އެވެ.

ހަމައެކަނި ފިރިހެން ކުދިންނަށް ކިޔަވައިދޭ ސްކޫލެއްގެ ގޮތުގައި އެތައް އަހަރަކު އޮތުމަށްފަހު، 2011ވަނަ އަހަރު މަޖީދިއްޔާގައި ވަނީ ދެ ޖިންސަށް ކިޔަވައިދޭން ފަށައިފަ އެވެ. މިހާރު އެ ސްކޫލްގައި ޕްރައިމަރީ އަދި ސެކަންޑްރީ ގްރޭޑުތަކަށް ވެސް ކިޔަވައިދެ އެވެ.