އެމްޑީޕީން ރޭ ބޭއްވި އިހުތިޖާޖުން ހައްޔަރުކުރި އެ ޕާޓީގެ އެކްޓިވިސްޓު މައިމޫން މުހައްމަދު، ޝަރުތަކާއެކު މިއަދު ދޫކޮށްލައިފި އެވެ.

ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކުރި އެވެ. އެއީ އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ނައިބު ރައީސް މައިމޫން، 30،  އަދި ނައިފަރު ދާއިރާގެ ރައީސް އަބްދުالله ރަޝީދު (ވާވާ) އެވެ. 

އޭގެ ތެރެއިން ކޯޓަށް ހާޒިރުކުރުމުގެ ކުރިން ވާވާ، 49، ވަނީ ބަންދުން ދޫކޮށްލައިފަ އެވެ. 

މައިމޫންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުކޮށް ދޫކޮށްލައިފަ އެވެ. ނަމަވެސް، ކޯޓުން ކުރި ޝަރުތެއް ސާފެއް ނުވެ އެވެ.

ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ކޮށް، އެމްޑީޕީން ސިލްސިލާ މުޒާހަރާއަށް ނުކުންނަން ފެށީ މިދިޔަ ބުދަ ދުވަހުގެ ރެއިން ފެށިގެންނެވެ. އޭގެ ތެރެއިން މާލޭގެ އެކި ހިސާބުތަކުގައި އެއްވުންތައް ބާއްވަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއެންއެފް ވެސް މަގުމައްޗަށް ނުކުމެ ސިލްސިލާ އެއްވުންތައް ބާއްވަމުން ދާއިރު އެ ޕާޓީން ވަނީ ރޭ އެމްޑީޕީގެ އެއްވުމާ އެއްވެ އެކުގައި އަޑު އުފުލައިފަ އެވެ.