މިހާރު ހިނގަމުންދާ ދައުރު ހަމަވުމާ އެކު އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ކުރިން އޮތް ގޮތަށް ބަދަލުކޮށް، އަތޮޅު ކައުންސިލްތައް މިހާރު ވެސް އޮތް ގޮތަށް ބާއްވަން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގާނޫނުއަސާސީ އަށް މިއަދު އިސްލާހު ހުށަހަޅުއްވައިފި އެވެ. 

މި އިސްލާހު ހުށަހެޅުމުގެ ބިލާ އެކު މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަަން ފަށައި އެ ނިޒާމު ތަރައްގީކޮށް ހަރުދަނާކުރަމުންދަނިކޮށް އެ ނިޒާމުގައިވާ މުހިންމު ބައެއް ކަމަށްވާ އަަތޮޅު ކައުންސިލްތައް އުވާލުމުން، ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމަށް އުނިކަން އަންނާނެ ކަމަށެވެ. 

އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ ރައީސްގެ ވިސްނުންފުޅަށް ފެށި މަސައްކަތެއްގެ ދަށުން ކަމަށާއި އެކަމާ ގުޅޭ ގޮތުން ދިރާސާއެއް އަދި މަޝްވަރާއެއް ވެސް ކޮށްފައި ނެތް އިރު ހިންގުމުގެ ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތަކުގެ ތެރެއިން މަޖިލިސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމާ ގުޅޭ ގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި 68.74 ޕަސެންޓް މީހުން އެކަމާ ދެކޮޅަށް ވޯޓު ދިންކަން ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. 

"... މި ނަތީޖާއިން އަންގައިދެނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް  ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ވިސްނުންފުޅަށް ހުށަހެޅުއްވި ކަންކަމަށް ރައްޔިތުންގެ ރުހުން ނެތްކަމެވެ."  އަތޮޅު ކައުންސިލްތައް އުވާލުމުގެ ނިންމުން ބަދަލުކުރަންޖެހޭ ސަބަބެއްގެ ގޮތުގައި ކުޑޫ ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ވިދާޅުވެފައިވެ އެވެ. 

އަތޮޅު ކައުންސިލްތައް އުވާލަން، ސަރުކާރުގެ ފަރާތުން ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ޑިސެމްބަރު 1 ގައި ވަނީ އެ ބިލް ތަސްދީގުކުރައްވައިފަ އެވެ. 

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިތުރުން މިހާރު ވަނީ  ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް އާބާދީގައި 2،000 އަށް މަދު މީހުން ތިބި ރަށްރަށަށް އިންތިހާބުކުރާ ކައުންސިލް މެމްބަރުންގެ އަދަދު ތިނަކަށް މަދު ވެސް ކޮށްފަ އެވެ.  އެއަށް ވުރެ އާބާދީ އިތުރުވާ ރަށްރަށުގައި ފަސް ކައުންސިލް މެމްބަރުން އިންތިހާބު ކުރަންޖެހެ އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ މެމްބަރުންގެ އަދަދު 16 އަށް ދަށް ކުރުމަަށާއި ފުވައްމުލަކު ސިޓީ ކައުންސިލްގައި މޭޔަރާއެކު އަށް މެމްބަރުން ތިބޭ ގޮތަށް ވަނީ ހަދައިފަ އެވެ. 

މި މަހު ބޭއްވި ކައުންސިލް އިންތިހާބުގައި މެންބަރުން އިންތިހާބުކޮށްފައިވަނީ މި ބަދަލުތަކާ އެއްގޮތަށެވެ.