ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން 3.3 ބިލިއަން ރުފިޔާ، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިހާތަނަށް ދައްކާފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސްގެ ހަފްތާ ނިއުސް ބްރީފިންގައި ވިދާޅުވީ މިދިޔަ ހަ މަސްދުވަހު އެވްރެޖްކޮށް ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް 700 ވެންޑަރުންނަށް ފައިސާ ދޫކުރަމުން އައި ކަމަށް ފިނޭންސްގެ ހިސާބުތަކު ދައްކާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ނޮވެމްބަރުން ފެށިގެން މިހާތަނަށް 3.5 ބިލިއަން ރުފިޔާ ދޫކުރުމުގެ އިތުރުން މި މަހުގެ ބާކީ އޮތް ދުވަސްކޮޅުގެ ތެރޭގައި އިތުރު ގާތްގަނޑަކަށް 260 މިލިއަން ރުފިޔާގެ ބިލު ދައްކަން ސަރުކާރުން ތައްޔާރުވަމުން އަންނަކަމަށެވެ.
ސަރުކާރުގެ މަސަައްކަތްތައް ކުރި ކުންފުނިތަކަށް ދޭންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބި އޮތުމުން ގިނަ ކުންފުނިތަކަކުން ކުރިން ކަންބޮޑުވުން ފާޅުކުރަމުން ދިޔަ އެވެ. އެ ފައިސާ ދައްކާ ނިންމަން ރައީސް މީގެ ކުރިން އެކި ތާރީހުތައް ވެސް ދެއްވި އެވެ.
"1 ނޮވެމްބަރު 2025 އިން ފެށިގެން ބަލައިފިއްޔާ، 26 އޭޕްރީލާ ހަމައަށް [އިއްޔެއާ ހަމައަށް]. މިދިޔަ މުއްދަތު، ގާތްގަނޑަކަށް މިދިޔަ ހަ މަސްދުވަހަށް ބަލާއިރުގައި ، އެކި އެކި ދިވެހި ފަރާތްތަކަށް، ލޯކަލް ވެންޑަރުންނަށް 3.3 ބިލިއަން ރުފިޔާ، 3،300 މިލިއަން ރުފިޔާގެ ބިލު ޕޭކޮށްފިން އަޅުގަނޑުމެން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އެ ހުރިހާ ފައިސާއެެއް ދޫކުރީ ބޭރުގެ ދަރަނިތައް ވެސް ދައްކަމުންނެވެ. ބޭރުގެ ދަރަނީގެ ތެރެއިން މިދިޔަ ތިންހަފުތާއެއްހާ ދުވަހުގެ ތެރޭގައި ދެއްކި ފައިސާގެ އަދަދު ވެސް މިއަދު ހާމަކުރެއްވި އެވެ.
ބޭރުގެ ދަރަނިތަކަށް މިދިޔަ 21 ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރު ދައްކާފައި ވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އެއީ ދޭއް އޭޕްރިލްގައި ސުކޫކު އަޅުގަނޑުމެން ޕޭކުރިން، އެއީ 524 މިލިއަން ޑޮލަރު. ތޭވީސް އޭޕްރިލްގައި އިންޑިއާގެ ސްވޮޕް އަޅުގަނޑުމެން ދެއްކިން، އެއީ 400 މިލިއަން ޑޮލަރު. އެހެންވީމާ އެކާވީހަކަށް ދުވަހުގެ ތެރޭގައި އަޅުގަނޑުމެން މިވަނީ ގާތްގަނޑަކަށް ބިލިޔަނެއްހާ ޑޮލަރުގެ ދަރަނި ދައްކާފައި،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އެ ދަރަނިތައް އަދާކުރީ އެއްވެސް ކަހަލަ ހަރުމުދަލެއް ވިއްކާ ނުލައި އަދި ރަހުނުކުރުމަކާ ނުލައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.