އެމްޑީޕީގެ ޗެއާޕާސަން ހޮވާ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ތާއީދުކުރަން ނިންމައި މިއަދު އެކަން އިއުލާންކޮށްފި އެވެ. 

މީކާއިލް ހިމެނޭ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގައި ތިއްބަވަނީ 12 މެންބަރުންނެވެ.

އެމްޑީޕީ ހަރުގޭގައި މިއަދު ބޭއްވި ޕްރެސް ބްރީފިންއެއްގައި  އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ވެސް މީކާއިލް އިންތިހާބުވުމަކީ އޭނާ އަށް ރައްޔިތުން ކުރާ އިތުބާރުގެ ހެއްކެއް ކަމަށެވެ. 

"އެއީ އޭރު ނަވާރަވަނަ މަޖިލީހާއި އޭގެ ކުރީގައި ވެސް ޕާޓީގެ ހައްގުގައި އެ ބޭފުޅާ، ދިވެހި ރައްޔިތުންގެ ހައްގުގައި ކުރެއްވި މަސައްކަތުގެ ނަތީޖާ. އަޅުގަނޑުމެން އިދިކޮޅުގައި ތިބެ، އަޅުގަނޑުމެންގެ ވެރިކަމެއް ނެތި، އެ ދާއިރާ އެ ކާމިޔާބުކުރީ އެ ދާއިރާގެ މެންބަރުންގެ އެ އިތުބާރު މީކާއީލަށް އޮތީމަ،" ނާޒިލް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ޕްރެސްބްރީފިން އެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:އެމްޑީޕީ
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ޕްރެސްބްރީފިން އެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:އެމްޑީޕީ

މިއަދުގެ ޕްރެސް ބްރީފިންގައި މީކާއީލް ވިދާޅުވީ އެމްޑީޕީގެ އާންމު މެންބަރުންނާ އޭނާއާ ގާތް ގުޅުމެއް އޮންނަ ކަމަށާއި އެ މެންބަރުންގެ އިހުސާސްތައް ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށެވެ.  އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ފަރާތުން ރާއްޖޭގެ ސަތޭކަ އަށް ވުރެ ގިނަ ރަށަށް ދަތުރުކުރައްވައި، އާންމު މެންބަރުންނާ ބައްދަލުކުރައްވާފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މީކާއީލްގެ ބުރަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ، 19 ވަނަ މަޖިލިސް ނިމި، 20 ވަނަ މަޖިލީހުގެ ދެވަނަ ދައުރަކަށް މީކާއީލް އިންތިހާބުވެވަޑައިގަތުމަކީ އޭނާ އަށް ރައްޔިތުން ކުރާ ފުރިހަމަ އިތުބާރުގެ ހެކިކަމަށެވެ.

މީކާއިލް އެމްޑީޕީގެ ޗެއާޕާސަނަކަށް އިންތިހާބުކޮށްފި ނަމަ އެއްވެސް ބޭފުޅަކު ބާކީ ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުަގައި މީކާއީލާ ވާދަކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ. 

ޗެއާޕާސަންގެ އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މޭ މަހުގެ 26 ވަނަ ދުވަހެވެ. އިންތިހާބު އޮންނާނީ ޖެހިގެން އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ.