ސިޔާސީ ކަންކަމުން ދުރުވެވަޑައިގެން ގާނާގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި އެއް ސަބަބަކީ އާންމު މީހާ ބޭނުންވާ ބަދަލު ގެނެވޭނީ ހަމައެކަނި އެ ޕާޓީއަށް ކަމަށް ވާތީ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދުގެ ސަޕޯޓަރުންނާ އެކު ގަލޮޅު ކަންމަތީގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މިއަދު އަނެއްކާވެސް ރައްޔިތުންނާ އެކު ބޮޑު ދަތުރެއް ފަށަން ވެއްޖެ ކަމަށެވެ. މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީން އާންމުންނަށް އެތައް ފައިދާއެއް ކުރި ނަމަވެސް، ޝަކުވާތައް އަދިވެސް ވަރަށް ގިނަ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ޝަކުވާއަކީ އާންމު މީހާއަށް ދަތިވާ ކަންތައްތައް އަދިވެސް ހައްލު ނުވެ، ދުވަހުން ދުވަހަށް އެ ކަންކަން ބޮޑުވެ، އުނދަގޫވަމުން ދިއުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ބޯހިޔާވަހިކަމެއް ކަށަވަރެއް ނުވޭ، ގޭހެއް ނެތް، ބޭހެއް ނެތް، އާސަންދަ ލިބެން ދަތިވެއްޖެ. ޑީސަލްގެ އަގު، ޕެޓްރޯލްގެ އަގު އެތައް ގުނައަކަށް އުފުލިއްޖެ. އެއާ އެކީގައި ތަކެތީގެ އަގު އެތައް ގުނައެއް ވެއްޖެ. މާލޭގެ ތޮއްޖެހުން، ކާރުބާރޫ ބޮޑު، މިކަމަށް ހައްލެއް ގެނެވޭކަށެއް ނެތް. ވެރިންގެ ހިޔާނާތާއި ނާޖާއިޒު ފައިދާ އާއި އަދި ސިޔާސީ ކިތައްމެ ބައެއްގެ ނޭދެވޭ އަމަލުތަކުގެ ޝަކުވާ، ސާފުސާދާ ވައްކަމުގެ ޝަކުވާ މާ ގިނައިން އަނެއްކާވެސް އަޅުގަނޑުމެންނަށް އިވެން ފަށައިފައި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، ގައުމުގެ ހުރި މި މައްސަލަތައް މިވަގުތު އިސްލާހު ނުކޮށްފި ނަމަ، ގާނޫނުއަސާސީން ލިބިފައިވާ ކުރިއެރުމުގެ މައްޗަށް "މިހާރު މި ހުރި ތަނުން ވެސް ކައްސާލާނެ" އެވެ.
ދުނިޔެ އޮތީ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި ކަމަށާއި ދުނިޔޭގެ ކަންކަން ވަރަށް ބޮޑަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި، އެ ބަދަލުތަކުގެ ތެރެއަށް ނުވަދެ ރާއްޖެ ސަލާމަތް ނުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ބަދަލުތަކުގައި ރާއްޖެއިން ފައި ހިފަހައްޓާލައި ކައްސާލައިގެން ނުވާނެ ކަމަށާއި ކައްސާލައިފި ނަމަ ލިބިފައި އޮތް ތަނަވަސްކަން ނުވަތަ ބޯހިޔާވަހިކަން ލިބުނު މިންވަރު، ބޭސްސިޓީއަށް ސަލާން ޖަހަން ނުޖެހުން، ފޮތްލިސްޓަށް އާދޭސްކުރަން ނުޖެހުން، އެކަނިވެރި މައިންނަށް ދެވުނު އެއްޗެއް، ޔަތީމު ކުދިންނަށް ދެވުނު އެއްޗެއް ގެއްލިދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މި ބަދަލު ގެނެވޭނީ، ހަމައެކަނި އެމްޑީޕީއަށް. އެހެން ބަޔަކަށް ނުގެނެވޭނެ."
ގާނާ ދޫކޮށް އެނބުރި ރާއްޖެ ވަޑައިގަތީ އާންމުންގެ އެފަދަ އެތައް ކަންބޮޑުވުމެއް ހުރުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"ކިތައްމެ ދަންނަ ގާތް ބައެއް އެބަ ގުޅާ. އެބަ ބުނޭ ރައީސްއޭ، އަންނިއޭ، ވިދިވިދިގެން ތިން އިންތިހާބު ގެއްލިއްޖެޔޭ، އަނެއްކާ މި އޮންނަނީ ކައުންސިލް އިންތިހާބޭ، ކަލޭ ހަމަ ތި ތަނުގައި މާ ބޮޑު ނޮން-ގަވަމެންޓަލް އޯގަނައިޒޭޝަނެއްގައި ހުންނަނިއްޔޭ ކިޔާ ހުންނަންވީހޭ. ދިވެހިން ދިވެހިރާއްޖެއަށް ވާންވީ ކިހިނެއްހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު މި ހުރީ އައިސް، އިރާދަކުރެއްވިޔާ އަޅުގަނޑުމެންނަށް ކައުންސިލް އިންތިހާބު ކާމިޔާބު ކުރެވިއްޖެ. އެ ކާމިޔާބާ އެކީގައި ކުރިއަށް މި އޮތް ރިޔާސީ އިންތިހާބު އަޅުގަނޑުމެން ހޯދާން ޖެހޭނެ. އެ ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން މިސްރާބު ހިފާއިރު، ބަދަލުތަކުގެ އެޖެންޑާ ރައްޔިތުންނަށް ދޭން ޖެހޭނެ، ފޯރުކޮށްދޭން ޖެހޭނެ،
"މި ބަދަލު ގެނެވޭނީ، ހަމައެކަނި އެމްޑީޕީއަށް. އެހެން ބަޔަކަށް ނުގެނެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މިއީ ހަމައެކަނި އެމަނިކުފާނަށް އެކަނި ގެނެވޭނެ ބަދަލެއް ނޫން ކަމަށާއި ޕާޓީގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. ގެންނަންވީ ކޮން ބަދަލެއްތޯ އޮޅުންފިލުވައި ހޯދާއިރު، އެއީ އާންމު މީހާ ކުރާ މި ޝަކުވާތައް ކަމަށް ވިދާޅުވި އެވެ.
ގާނޫނުއަސާސީ އާއި ޖީބަށް ވަންނަ އެއްޗަކާ ގުޅުން އޮވޭ
ނަޝީދު ވިދާޅުވީ ގާނޫނުއަސާސީގައި ލިޔެފައި އޮންނަ އެއްޗަކާއި އާންމު މީހާގެ ޖީބަށް ވަންނަން އެއްޗަކާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ކަމަށެވެ.
"މިއަދު އަޅުގަނޑުމެންގެ ދައުލަތުގެ އާމްދަނީ 40 ބިލިއަން ރުފިޔާއާ މި ގާތްކުރަނީ ކީއްވެތޯ؟ ވެރިކަމަށް ގެނައި ބަދަލެއްގެ ސަބަބުން، 2008 ވަނަ އަހަރު ގެނައި ބަދަލުގެ ސަބަބުން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އެމްޑީޕީގެ ފުރަތަމަ ސަރުކާރާ ހަވާލުވިއިރުގައި، ސަރުކާރުގެ އާމްދަނީއަކީ ހަތަރު ބިލިއަން ރުފިޔާ. މިއަދު 40 ބިލިއަން ރުފިޔާއަށް އެ ދިޔައީ 10 ގުނަވެގެން. އެކަން މިހެންވީ ނިޒާމަށް ގެނައި ބަދަލުގެ ސަބަބުން. ޓެކްސްގެ ނިޒާމެއް ގާއިމްކުރުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބުނީ ގާނޫނުއަސާސީއަށް ބަދަލު ގެނައިތީ."
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި ސުލްހަވެރި ހަރަކާތް ހިންގުމުގެ މިނިވަންކަމާއި ގިނަ ސިޔާސީ ޕާޓީގެ އެކުލެވޭ ނިޒާމެއް ގާއިމްކުރެވުނީ ގާނޫނުއަސާސީއަށް ގެނައި އެ ބޮޑު ބަދަލުގެ ސަބަބުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިއަދު އޭގެ 18 އަހަރު ފަހުން ބިރުގަނެއޭ ކައްސާލަފާނެތީ، ހަމައެއާ އެކީގައި ވަރަށް ބޮޑު އުއްމީދެއް ތަސައްވަރެއް، މަންޒަރެއް އެބަ ފެނޭ، ފުއްމައިގެން ދެވިދާނެކަމުގެ. ބޮޑު ޖަމްޕެއް އަޅުގަނޑުމެންނަށް ޖެހިދާނެ ކަމުގެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ލީޑާޝިޕްގައި ނުވަތަ ހިންގުމުގައި އެމަނިކުފާނަށް ފުރުސަތު ބޭނުންވަނީ މި ބަދަލުތައް ގެނައުމަށެވެ.