ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 185 ކިލޯއަށްވުރެ ގިނަ ޑްރަގްސް އިއްޔެ ނައްތާލައިފި އެވެ. 

ފުލުހުންގެ ވެބްސައިޓުގައި ބުނީ ދޫނިދޫގައި ނައްތާލި ތަކެތީގެ ތެރޭގައި، ޑްރަގްސް ހުރި 4،690 ރަބަރު ޕެކެޓާއި 2،768 ސެލޯފިންކޮޅާއި ފިލްމު ހުސްކުރި 335 ދަޅާއި 462 ބުލެޓުގެ އިތުރުން 3،437 މަނާ ބޭސްގުޅަ ހިމެނޭ ކަމަށެވެ.

އެހެނިހެން ތަކެތީގެ ގޮތުގައި 1،809 އައިޓަމެއް ނައްތާލާފައިވާ ކަމަށް ވެސް ވެބްސައިޓުގައި ބުންޏެވެ. އެކަމަކު، އޭގެ ތެރޭގައި ހިމެނޭ ތަކެއްޗެއް އަދި ސާފެއްނުވެ އެވެ. 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑްރަގްސް ނައްތާލަން އިއްޔެ ބޭއްވި ހަރަކާތުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑްރަގްސް ނައްތާލަން އިއްޔެ ބޭއްވި ހަރަކާތުގައި ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ތަކެތި ނައްތާލީ، އެކަމަށްޓަކައި އެކުލަވައިލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. އޭގެ އިތުރުން އެކަމުގައި ބައިވެރިވުމަށް ނަން ނޯޓުކުރި އާންމުން ވެސް ބައިވެރިވި އެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ނައްތާލުމުގައި ގެންގުޅޭ އުސޫލުތަކަށް އެންމެ ފަހުން ގެނައި ބަދަލުތަކާ އެކު، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މަސްތުވާތަކެތީގެ ތެރެއިން އެ މައްސަލައެއް ތަހުގީގު ކުރުމަށް ގާނޫނީގޮތުން ބެހެއްޓުމަށް ލާޒިމުކުރާ މިންވަރަށް ބެހެއްޓުމަށްފަހު ބާކީ ހުންނަ މަސްތުވާތަކެތި ވީ އެންމެ އަވަހަކަށް ނައްތާލާ ކަމަށެވެ.