"އައިޝާ" ގެ ނަމުގައި އަދަދު ނޫހުން ހެދި ޑޮކިއުމެންޓްރީގެ މައްސަލާގައި އެ ނޫހުގެ އިދާރާ އަށް ފުލުހުން ރޭ ވަދެ، ބަލައި ފާސްކޮށް، ބައެއް މުދާތައް ގެންދިޔައިރު ފުލުހުން އަމަލުކުރި ގޮތް ރައްޔިތުންގެ މަޖިލީހުން ތަހުގީގު ކުރަން ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ' މަޖިލީހަށް ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުުގެ މިއަދުގެ ޖަލްސާ އަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި މައްސަލަ "ކުއްލި މައްސަލައެއްގެ ގޮތުގައި" ހުށަނޭޅޭނެ ކަމަށެވެ. 

ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްެރަހީމް އަބްދުﷲ ވިދާޅުވީ ކުއްލި މައްސަލައެއްގައި ބަޔާންކުރާ ކަންކަމަކީ ހަގީގަތެއް ކަން ކަށަވަރު ކުރުމަކީ މައްސަލަ ހުށަހަޅުއްވާ މެންބަރު ކުރައްވަން ޖެހޭނެ ކަމެއް ކަމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

"ފުލުހުން، ގަދަ ބާރުން، މިނިވަން މީޑިއާއެއްގެ އޮފީހަށް ވަދެ، ބަލައިފާސްކޮށް މުދާ ހިފެހެއްޓުމަކީ އާއްމު ގޮތެއްގައި މީޑިއާގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށް" މީކާއީލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވެފައިވާއިރު، އަދަދު އޮންލައިންގެ އިދާރާ އަށް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. 

ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލައިގަނެވެން ނެތް ދެވަނަ ސަބަބެއް ކަމަށް މަޖިލިހުގެ ރައީސް ވިދާޅުވީ ފުލުހުން އަމަލުކުރި ގޮތް މަޖިލީހުން ބަލަން ގޮވާލާފައި އޮތުމެވެ.

"ކުއްލި މައްސަލައެއްގައި އެއްވެސް ހުށަހެޅުމެއް ހުށަހެޅުން ނުވަތަ ވޯޓެއް ނެގުމެއް ނުވަތަ ގަރާރެއް ފާސްކުރުމެއް ނުވަތަ އެ ނޫން ވެސް ނިންމުންތަކެއް ނިންމުން ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 196 ވަނަ މާއްދާގައި ބަޔާންކޮށްފައި ވާއިރު، އިއްޒަތްތެެރި މެމްބަރު ފޮނުއްވާފައިވާ މައްސަލާގައި، ފުލުހުން އަމަލުކުރި ގޮތް ރައްޔިތުންގެ މަޖިލީހުން ތަހުގީގުކުރަން ގޮވާލާފައިވާކަން ފާހަގަކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ކުއްލި މައްސަލައެއްގައި ހިމެނެން ވާނެ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނާ ޝަރުތުތައް މީކާއީލް ހުށަހެޅުއްވި މައްސަލައިގައި ހަމަނުވާ ކަމަށެވެ.

ކުއްލި މައްސައެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވަން ފޮނުއްވި ލިޔުމުގައި މީކާއީލް ވިދާޅުވީ، ނޫހަކުން އާއްމުކުރާ ކޮންޓެންޓަކާ ގުޅޭ ގޮތުން އުފެދޭ ހިޔާލުތަފާތުވުމުގެ މައްސަލަތައް ބަލަން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުން މެކޭނިޒަމެއް އެކަށައަޅާފައިވާ ކަމަށެެވެ. އެ އިޖުރާއަތުން ބޭރުން، މީޑިއާއެއްގެ އޮފީހަށް ފުލުހުން ވަދެ ބަލައިފާސްކޮށް، މުދާ ހިފެހެއްޓުމަކީ މީޑިއާތަކުގެ މިނިވަންކަމަށް އަރައިގަތުމުގެ އަމަލެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

ރޭ ފުލުހުން ވަނީ އަދަދު ނޫހުގައި ބޭނުންކުރާ އިލެކްޓްރޯނިކް އެކި އާލާތްތައް ބަލައި ސްޓްރޭޖް ޑިވައިސްތައް ފަދަ ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ އެ ޑޮކިއުމެންޓްރީއާ ބެހޭ ގޮތުން އިއްޔެ ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމުން އެ މަނިކުފާނު ވަނީ އޭގައި ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވައިފަ އެވެ

އަދި އެ ޑޮކިއުމެންޓްރީ ހެދުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.