މޫސުން ގޯސްވެ ގަދައަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން، ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އެދިއްޖެ އެވެ.

އެ އޮތޯރިޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވާތީ އެކަމުން ލިބޭނެ ގެއްލުންތައް ކުޑަކުރުމުން ދުރާލާ ތައްޔާރުވެ، ފިޔަވަޅު އެޅުމަށް އިލްތިމާސް ކޮށްފަ އެވެ. 

އެ ފިޔަވަޅުތަކުގެ ތެރޭގައި؛

- ހާމަ ތަންތަނާއި ޓެރެސް ފަދަ ތަންތަނުން ދުރުހެލިވުން

- އިމާރަތް ތެރޭގައި ތިބުން

- ބޭރުގައި ނަމަ ވިއްސާރައިން ހިޔާވާން އުސް ތަންތަން ކައިރީ އަދި ގަސްދަށުގައި ނުތިބުން

- އިލެކްޓްރޯނިކް ތަކެތި ކަރަންޓުން ނައްޓާލުމާއި އެ ތަކެތި ބޭނުންކުރުމުން ދުރުހެލިވުން

- ފެންބޮޑުވެފައިވާ ސަރަހައްދުތަކާއި ތެމިފައިވާ ތަކެއްޗާއި ދަގަނޑު ތަކެތިން ދުރުހެލިވުން

މޫސް ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މިއަދުގެ ހެނދުނު ހެނދުނު 10 އިން ފެށިގެން މެންދުރު އެކެއް ޖަހަންދެން ޅ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ރީނދޫ އެލާޓް ނެރެފަ އެވެ. 

ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލަފާކުރާ ގޮތުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭ މިންވަރު، އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ވުރެ އިތުރުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ވެސް ބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ. 

މެއި މަހު ހުޅަނގު މޫސުން ފެށި، ކޮންމެ އަހަރެއްގެ ޖޫން މަހާއި ސެޕްޓެމްބަރު މަހާ ދެމެދަކީ ރާއްޖެއަށް އާންމުކޮށް އެންމެ ގިނައިން ވިއްސާރަ ކުރާ ދުވަސްވަރެވެ. 

އެ އޮފީހުން ބުނި ގޮތުގައި، އެ ފޯކާސްޓު އާންމު ގޮތެއްގައި ތައްޔާރު ކުރަނީ އެޕްރީލް މަހުގެ މޫސުމީ ހާލަތުގެ އިތުރުން މޫސުމަށް ބަދަލު އައުމަށް މެދުވެރިވާ ސަބަބުތަކަށް ރިއާޔަތް ކޮށްގެންނެވެ. އެއީ، ޖުމްލަކޮށް ކުރިއަށް އޮތް ހަތަރު މަހު ވާރޭ ވެހޭނެ ގޮތަށާއި ފިނިހޫނުމިން ހުންނާނެ ކަމަށް ބެލެވިފައިވާ ގޮތެވެ. 

މަހުން މަހަށް އަންނަ ބަދަލުތައް ވަކި މަސްތަކަށް ލަފާކުރެވޭ މޫސުމާ އެކު އަދާހަމަކުރާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.