ރާއްޖެ އަށް ވައިގެ މަގުން ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތު ކުރެވޭ ދެ މީހުންގެ ތެރެއިން އާމިނަތު ރޫނާ ފުލުހުންގެ ބޮޑީކެމް ރެކޯޑިން ހޯދަން އެދިއްޖެ އެވެ. 

 ކ. ތުލުސްދޫ އާބިޖިލީހިޔާ، އާމިނަތު ރޫނާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކަސްޓަމްސް އިން ހިފެހެއްޓުމަށް ފަހު، އެވެ. އޭނާގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރަން އަމުރުކުރި އެވެ. 

އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް އިއްޔެ ރޫނާ ހާޒިރު ކުރުމުން އިތުރު 25 ދުވަސް ބަންދުގައި ބަހައްޓަން ވަނީ އަމުރު ނެރެފަ އެވެ.

އެ އަމުރުގައިވާ ގޮތުން ރޫނާގެ ގެއިން ފެނިފައިވާ ލަގެޖުން ފެނުނު ތަކެއްޗާއި ކޮންޓްރޯލް ޑެލިވަރީ ކުރިއަށް ގެންދިޔަ ފޮށީގައި ހުރި ތަކެތި އެއްގޮތް ކަމަށް ފުލުހުން ފާހަގަކޮށްފައިވެ އެވެ. 

ހާދިސާގައި ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން ބުނެ އެވެ. ދިފާއުގައި ރޫނާގެ ފަރާތުން އެދުނީ ފުލުހުންގެ ބޮޑީ ކެމްގެ ރެކޯޑިން ހޯދުމަށެވެ. 

މި މައްސަލާގައި ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީގައި ހުޅުމާލޭން ވެސް މީހަކު ހައްޔަރުކުރި އެވެ. އެއީ ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު، 25، އެވެ. އޭނާގެ ބަންދަށް ވެސް އިއްޔެ ކްރިމިނަލް ކޯޓުން ވަނީ 25 ދުވަސް އިތުރުކޮށްފަ އެވެ. 

އަލްޔާއަކީ ޑިޕްރެޝަން އަށް ފަރުވާ ހޯދާ މީހަކަށް ވާތީ އެކަންކަން ގާތުން ބެލުމަށާއި އެކަމާއި ގުޅިގެން ފޯރުކޮށްދޭންޖެހޭ ހުރިހާ އެހީތެރިކަން ފުރިހަމަ ކޮށްދިނުމަށް ފުލުހުންނަށް ކޯޓުން އަންގާފައިވެ އެވެ.