އަދަދު ނޫހުގެ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގުގައި އެ ނޫހުގެ އޮފީހުން ގެންދިޔަ ލެޕްޓޮޕްތަކާއި ހާޑްތަކުގެ ޕާސްކޯޑް ފުލުހުންނަށް ދޭން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. 

ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ޝާފިއު ނެރުއްވި އަމުރުގައި އަދަދުގެ މައްޗަށް އަންގާފައިވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސްވެވޭނެ ގޮތް ހެދުމަށެވެ. 

ނަމަވެސް، އެ ޑޭޓާތަކަށް އެކްސެސްވާއިރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ކަނޑައަޅާ ފަރާތެއް ހާޒިރުވެ ހުންނަން ޖެހޭނެ ކަމަށް އަމުރުގައިވެ އެވެ. އަދި ފުލުހުން ހުޅުވަން އެދޭ ތަކެއްޗަކީ ގާނޫނުން އިމްތިޔާޒު ލިބިގެންވާ ތަކެތި ކަމަށްވާތީ މައުލޫމާތުތަކުގެ ސިއްރު ހިފެހެއްޓުމަށާއި އެކަމުގައި ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އަންގާފައިވެ އެވެ. 

ނަމަވެސް، އަދަދު ނޫހުން ވަނީ އެ އަމުރާ އެއްގޮތަށް އަމަލު ނުކުރަން ނިންމައިފަ އެވެ. 

އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒުގެ ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވީ އަމުރުގެ ދަށުން މައުލޫމާތު ހޯދަން މިއަދު ފިޔާޒު ފުލުހަށް ހާޒިރުކުރުމުން، އެ މައުލޫމާތުތައް ނުދޭނެ ކަން އަންގާފައިވާނެ ކަމަށެވެ. އެއީ މަސްދަރު ހާމަނުކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގަކަށްވާތީ ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. 

"ޕާސްކޯޑްތައް ދީފިނަމަ، މަސްދަރުތައް އެބަ ހާމަވޭ. އެހެންވީމަ މަސްދަރު ހާމަވެދާނެތީ ޕާސްކޯޑް ދީފައި ނުވާނެ،" އަލީ ހުސެއިން ވިދާޅުވި އެވެ. 

އަމުރާ އެއްގޮތަށް ޕާސްކޯޑް ނުދީފިނަމަ، އޭގެ އެހެން ނަތީޖާތަކެއް އަތުވެދާނެ ކަމަށް ފުލުހުން ބުނި ކަމަށާއި ނަމަވެސް، ދައުވާކުރިޔަސް، ޖަލަށްލިޔަސް ފިޔާޒު ހުންނެވީ މަސްދަރު ހާމަކުރާ ގޮތަށް ނޫން ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. 

ކާކުކަން ނޭނގޭ ގޮތަށް އަދި އަޑު ބަދަލުކޮށްގެން ދައްކާފައިވާ ވާހަކަތަކެއް ހިމަނައިގެން އަދަދު އޮންލައިނުން ހެދި "އައިޝާ" ޑޮކިއުމެންޓްރީގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތު ކޮށްފައިވާ ކަމަށް ބުނެ ފިޔާޒުގެ އިތުރުން ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. އެ ދެ މީހުން ވެސް ތަހުގީގުގައި ތިބީ ހަނެވެ. 

ފިޔާޒު ވިދާޅުވީ ހަނު ހުރުމުގެ ހައްގު ބޭނުންކުރީ ދިވެހި ރައްޔިތުންގެ ހައްގުގައި ކަމަށެވެ. އެކި މަސްދަރުތަކުން ދޭ މައުލޫމާތު ރައްކާތެރިކަމާ އެކު ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފިޔާޒާއި ހަސަންގެ މައްޗަށް ފުލުހުން ޖިނާއީ ފަސް ތުހުމަތެއް ކުރެ އެވެ. 

ޖިނާއީ ތުހުމަތުތައް

  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާ
  • މީހަކު ކުރާ އަމަލަކަށް އެހެން މީހާކު ޒިންމާދާރުކުރުވުން، ބައިވެރިވުމުގެ ޒިންމާގެ ކުށް - ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަންބަރުގެ ދަށުން
  • ގަޒްފުގެ ކުށް - ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާ
  • ކުށެއް ކުރުމަށް އެދުން - ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާ
  • ކުށެއް ކުރުމަށް ރޭވުން - ގާނޫނުލްއުގޫބާތުގެ 82 ވަނަ މާއްދާ

އެ މައްސަލައިގައި ހަސަން އާއި ފިޔާޒްގެ އިތުރުން އެ ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިން ކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓު ހިފަހައްޓައި، ފުރުން މަނާކޮށްފައިވެ އެވެ.

ޑޮކިއުމެންޓްރީގެ މައްސަލާގައި "އަދަދު"ގެ އޮފީހަށް ފުލުހުން ބައެއް ތަކެތި ގެންގޮސް، އެ ނޫހުގެ ބައެއް މުވައްޒަފުން ރާއްޖެއިން ފުރުން މަނާކޮށްފައި ވާތީ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.