މީގެ ދެ އަހަރެއްހާ ދުވަސް ފަހުން އޮންނަ ރިޔާސީ އިންތިހާބުން ކާމިޔާބު ހޯދައި، ދެން އުފެދޭނީ އަނެއްކާވެސް އެމްޑީޕީގެ ސަރުކާރެއް ކަމަށާއި އެ ދަތުރު ޕާޓީ އެކީގައި އޮވެ ކާމިޔާބު ކުރެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ނަޝީދު ރޭ ބޭއްވި ކެމްޕެއިން ހަރަކާތުގައި ވިދާޅުވީ އެމްޑީޕީގެ ހިންގުމާ ހަވާލުވާން އެ މަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި ބޭނުންފުޅުވަނީ 2028 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރެއް އުފެދިގެން ދިޔުން ކަމަށެވެ.
"...އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ. އެ މަސައްކަތަކީ މި ޕާޓީ ވަރަށް ރަނގަޅަށް ދަންނަ މަސައްކަތެއް. އެމްޑީޕީގެ ޗެއާޕާސަނަކަށް ހުރެ އެ މަސައްކަތް އެ ދަތުރު އަޅުގަނޑުމެން އެންމެންނަށް ކުރެވޭނެ،" ނަޝީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އެ ދަތުރުގައި އަޅުގަނޑުމެން ކާމިޔާބު ވެސް ވާނެ."
އޭގެ އިތުރުން ވެސް އެމްޑީޕީން ކުރަންޖެހޭ ކަމެއް އެބައޮތް ކަމަށާއި އެއީ ވެރިކަން ބަދަލު ކުރާނެ ގޮތް ދުނިޔެ އަށް ކިޔައިދިނުން ކަމަށް ނަޝީދު ވިދާޅުވި އެވެ. ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގައިގެން ހުދުމުހުތާރު ވެރިކަން ބަދަލުކުރުމުގެ ތަޖުރިބާ އެމްޑީޕީ އަށް އެބައޮތް ކަމަށާއި ރާއްޖެއަކީ އޭގެ މިސާލެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތާ އެކު 2028 ވަނަ އަހަރުގެ އިންތިހާބު ކާމިޔާބުކޮށް އެމްޑީޕީއަކީ މުޅި ދުނިޔެއަށް ވިދާލާ ޕާޓީއަކަށް ހަދާނެ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖެއަށް މި ވަގުތު ބޭނުން ވަނީ ބަދަލެއް ގެނައުމެވެ. އެ މަނިކުފާނު އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެން ހުންނެވީ ދިވެހިންގެ އެ ހަރު އިވޭތީ ކަމަށް ނަޝީދު ވިދާޅުވި އެވެ. ސިޔާސީ ޕާޓީ އުފައްދައި، ރައްޔިތުންނަށް ހައްގުތައް ކަށަވަރު ކޮށްދީގެން ކުރާ މަސައްކަތަކީ އެ މީހުންގެ ހާލަތު ރަނގަޅު ކުރުން ކަމަށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީއަކީ ރައްޔިތުންނާއި ވެރިކަން ކުރާ މީހުންނާ ދެމެދު އޮތް އެއްބަސްވުމެއް ކަމަށާއި ކަންކަން ކުރަންވީ ހުދޫދުތަކާއި މިންގަނޑުތައް ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގައި ކަމަށެވެ. އެ ހަމަތަކަށް މިއަދު ބަދަލު ގެންނަން ވެއްޖެ ކަން އެނގޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިހާރު އޮތް ގާނޫނުއަސާސީއަކީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ އެތައް ބާރެއް އެ ދޫކުރެވެން އޮތް އެންމެ ކުޑަމިންވަރަކަށް ދޫކުރައްވައިގެން ލިޔުއްވާފައިވާ އެއްޗެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އިމެއް މިނެއް ނެތް މިންވަރަށް މިހާރު ވެސް ބާރުތައް އެބަހުރި ކަމަށާއި އޭގެ ބޭނުން ނާޖައިޒު ގޮތުގައި ހިފަމުންދާ ކަމަށެވެ.
ނަޝީދު ވަނީ ގާނޫނުއަސާސީ އަށް ގިނަ ބަދަލުތަކެއް ގެންނަން، ކެމްޕެއިން ތެރޭގައި ހުށަހަޅުއްވައިފަ އެވެ. އެގޮތުން، ވެރިކަން ހިންގާ ނިޒާމަށް ބަދަލު ގެނައުމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހޮވާ ގޮތާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ބަދަލު ގެންނަން ހުށަހަޅާފައިވެ އެވެ.
ރޭ އެމްޑީޕީ ޖަގަހައިގައި ބޭއްވި ފޯރިގަދަ ޖަލްސާއަށް ފަހު، ވަރަށް ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު ނަޝީދު ވަނީ މަގުމަތީ ހިންގަވައިފަ އެވެ. އޭގެ ތެރޭގައި ވަރަށް ގިނަ އަދަދަކަށް ޒުވާނުން ތިއްބެވެ.