ފ. ފީއަލީގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހިގެން އައިޖީއެމްއެޗުގައި ފަރުވާދެމުން އައި ބިދޭސީ މީހާ މަރުވެއްޖެ އެވެ. 

ފީއަލީ ފަޅުތެރޭގައި އަޅާފައި އޮތް ތެޔޮ ދޯންޏެއްގައި ރޯވެ، މުޅި ސަރަހައްދަށް ފެތުރުނު ބޮޑު އަލިފާނުގެ ހާދިސާގައި ފިހުނީ އެ ދޯނީގައި މަސައްކަތްކުރަމުން އައި ބަންގްލަދޭޝް މީހެއް ކަމަށްވާ ޑެލޯވާ އެވެ. އެއީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. 

އޭނާއަށް ފުރަތަމަ ފަރުވާ ދިނީ ފީއަލީ ސިއްހީ މަރުކަަޒުގަ އެވެ. ހަމަ އެ ދުވަހު އިތުރު ފަރުވާއަށް އެ އަތޮޅު ނިލަންދޫ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުން އައީ އައިސީޔޫގައި، ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

ކުރިން ނިލަންދޫ ހޮސްޕިޓަލުން "މިހާރު" އަށް ބުނެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ 60 ޕަސެންޓް އޮތީ ފިހިފަ އެވެ. 

އެމީހާ ވަނީ މިމަހުގެ 4 ވަނަ ދުވަހު މަރުވެފައިކަން އައިޖީއެމްއެޗް އިން ވެސް ކަށަވަރުކޮށްދެ އެވެ. އޭނާގެ ހަށިގަނޑު ބަންގްލަދޭޝަށް ފޮނުވުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް އިއްޔެ ވަނީ ކޮށްފަ އެވެ. 

ތެޔޮ ދޯނީގައި އަލިފާން ރޯވީ ދޯނީގެ ޕަމްޕު ސްޓާޓްކުރަން ހިފިތަނާ ހުޅު ހިފައިގެންނެވެ. ތިން ގަޑިއިރެއްހާ އިރު ފަހުން އަލިފާންގަނޑު ކޮންޓްރޯލްވި އިރު ވަރަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. 

އެންމެ ފުރަތަމަ ހުޅު ހިފި ތެޔޮ އުފުލާ ދޯންޏާއި އެއާ ޖެހިގެން ހުރި ފާނައިގެ މަސްވެރިކަން ކުރާ ދެ ދޯނި ވެސް އެއްކޮށް އަނދައިގެން ގޮސްފަ އެވެ. މި ފަހުން ބަނދެ، އަދި އިންޖީނު ވެސް ނާޅާ ފައިބަރު ދޯންޏެއްގެ ގެގަނޑު އަނދައި، ބިއްލޫރިތައް ތަޅައިގެން ގޮސް، ގެއްލުން ލިބިފައިވާއިރު ބަނދަރު ސަރަހައްދުގައި ހުރި ރަށުގެ އައިސްޕްލާންޓް ވެސް ވަނީ އެއްކޮށް އަނދައިފަ އެވެ.