"އަދަދު" ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް އުފުލާފައިވާ ގަޒުފު ކުރުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މިއަދު ފަށައިފި އެވެ. 

ފިޔާޒާއި ހަސަންގެ މައްޗަށް ޝަރީއަތް ފަށާފައިވަނީ މިއަދު މެންދުރުފަހު 1:00 ގަ އެވެ. މިއަދު އޮތީ އެ މައްސަލާގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމެވެ. އަދި ދެވަނަ އަޑުއެހުން އީދު ބަންދަށްފަހު އޮންނާނެކަން ވަނީ އަންގައިފަ އެވެ. 

އެ ބާވަތުގެ މައްސަލަތައް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުންނެވެ. އަދި އެ ޝަރީއަތާ ގުޅޭ މައުލޫމާތު އާންމު ނުކުރަން ގެގް އޯޑަރެއް ކުރިން އޮތީ  ނެރެފަ އެވެ. އެހެންވެ، މިއަދުގެ އަޑުއެހުމުގެ އެއްވެސް ކަމެއް ވަކީލުން ހާމައެއް ނުކުރެ އެވެ. 

ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ފަރާތުން ދެ ނޫސްވެރިންގެ މައްޗަށް ދައުވާކޮށް ކޯޓަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި އެ ދެ މީހުން ހަނު ތިބެފައިވާތީ ތަހުގީގު ވަރަށް އަވަހަށް ނިމުނެވެ. 

ފިޔާޒާއި ހަސަންގެ މައްޗަށް ދައުވާ އުފުލައި، ޝަރީއަތް ހިނގާއިރު ވަކި ގޮތަކަށް އަމަލު ކުރަން އަންގާ އަމުރަކަށް ދައުލަތުން އެދުމުން، "އަދަދު" ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ދެއްކުން ކޯޓުން މަނާކޮށް އަމުރެއް ނެރުނެވެ.

އެ އަމުރު ނެރެފައި ވަނިކޮށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލުކުރުމުން އަދި އެ އަމުރާ ގުޅޭ ހަބަރު ލިޔުނު ގޮތަކުން ދެ ނޫސްވެރިއަކު ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި، ޖަލަށްލާން އިއްޔެ ވަނީ ހުކުމްކޮށްފަ އެވެ. 

ގަޒުފުގެ ތުހުމަތުގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރު ކުރުމުން ހަނު ތިބެފައިވަނީ  ނޫސްވެރިން މަސްދަރު ހިމާޔަތް ކުރުމަކީ ގާނޫނުއަސާސީން ލިބިދޭ ހައްގެއް ކަމަށް ބުނެ އެވެ. 

ކްރިމިނަލް ކޯޓުން ވަނީ އަދަދުގެ މައްޗަށް ތަހުގީގު މަރުހަލާގައި ވެސް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި އަންގާފައިވަނީ ފުލުހުން ހިފަހައްޓާފައިވާ ލެޕްޓޮޕްތަކާއި ހާޑްތަކާއި ޕެން ޑްރައިވްތަކާއި ކްލައުޑް ސްޓޯރޭޖްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްކޯޑްދީ، އެ ޑިވައިސްތަކުގައި ހުރި ޑޭޓާތަކަށް އެކްސެސް ވެވޭނެ ގޮތް ހެދުމަށެވެ. ނަމަވެސް އަދަދުގެ ސީއީއޯ ފިޔާޒު ވަނީ އެގޮތަށް އަމަލު ކުރަން ދެކޮޅު ހައްދަވައިފަ އެވެ.