ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، ދައުރު ނޫސް ހިންގާ ކުންފުންޏާއި އެ ނޫހުގެ އެޑިޓަރު މޫސާ ލަތީފާ ދެކޮޅަށް އަބުރުގެ ދައުވާ އުފުލައި ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އަޒާންގެ ފަރާތުން އަބުރުގެ ދައުވާ އުފުލީ ދައުރު ނޫހުގައި މޫސާ ލަތީފް "އަދަދު އަށް ފުލުހުން ވަދެގަތުމާއި އަޒާން ކުރެއްވި ތަޖުރިބާ"ގެ ނަމުގައި އަޒާންއާ ގުޅޭ ވާހަކަތަކެއް ހިމަނައި ލިޔުނު ރިޕޯޓަކާ ގުޅިގެންނެވެ.
އަބުރުގެ ދައުވާއާ ގުޅިގެން އަންނަ ހޯމަ ދުވަހު ސިިވިލް ކޯޓަށް ހާޒިރުވާން މޫސާ ލަތީފަށް ވަނީ ޗިޓް ފޮނުވައިފަ އެވެ.
ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރި އަޒާންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައިވަނީ މޫސާ ލަތީފްގެ ރިޕޯޓްގައި އޭނާގެ އަބުރަށް އަރައިގެންފައިވާ ކަމަށް ކަނޑައަޅައި، އޭގެ ބަދަލު ނަގައިދިނުމަށެވެ. ދައުވާގައި އެދިފައިވަނީ ބަދަލުގެ ގޮތުގައި 5،000ރ. ނަގައިދިނުމާ އެކު ގާނޫނީ ހަރަދުގެ ގޮތުގައި ހޭދަވި 28،670ރ. ނަގައިދިނުމަށެވެ.
އަދި އެ ލިޔުން ނެގުމަށް ނޫނީ އިސްލާހު ކުރަން އަމުރުކޮށްދިނުމަށާއި މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ލިޔުން ޑްރާފްޓް ސްޓޭޓަސްއަށް ބަދަލު ކުރަން އަމުރުކޮށްދިނުމަށް ވެސް ދައުވާގައި އެދިފައިވެ އެވެ.
މޫސާ ލަތީފްގެ ލިޔުމުގައި އަޒާންއަށް ނިސްބަތްކޮށް، ކުރީ ސަރުކާރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ރައީސް އޮފީހުގައި އޭނާ ކުރި ސުވާލަކަށް ފަހު ކަން ހިނގި ގޮތް ބަޔާންކޮށްފައިވެ އެވެ. އަދި ލިޔުންތެރިޔާ އެކަން "އަދަދު" ނޫހަށް ފުލުހުން ރެއިޑްކުރަން ވަން ހާދިސާއާ އަޅާކިޔާފައިވެ އެވެ.
އަދަދު ނޫހުން ހެދި ޑޮކިއުމެންޓްރީއަކާ ގުޅިގެން "އަދަދު" ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒު މޫސާ އަދި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އަދި އެ މައްސަލާގައި ނެރެފައިވާ ގެގް އޯޑަރާ ހިލާފުވި ކަމަށް ކަނޑައަޅައި އެ ނޫހުގެ ދެ ނޫސްވެރިއަކު ވަނީ ޖަލަށްލައިފަ އެވެ.