ހައްޔަރުކޮށްފައިވާ ނޫސްވެރިން މިނިވަން ކުރުމަށާއި ނޫސްވެރިކަމުގެ ދިފާއުގައި ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ނުވަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި ކަމަށެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި ދެ އަންހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި މުޒާހަރާކުރަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެމްޑީޕީން އިސްވެ ރޭ މުޒާހަރާ ބޭއްވީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލުމުންނެވެ.  ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރުން އިސްވެ ތިއްބަވައި ފެށި މުޒާހަރާގައި މާލޭގެ އެކި ތަންތަނަށް އެއްވެ އަޑު އުފުލަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ދިޔައީ ފުލުހުންނާ ކުރިމަތިލުންތައް ވެސް ހިނގަމުންނެވެ.


ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ކުރި މުޒާހަރާހައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުދުލްޣަފޫރު ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން ކުރި މުޒާހަރާހައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުދުލްޣަފޫރު ބައިވެރިވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ލީވާން 10 ދުވަހަށް ޖަލަށް ލީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް ނުދެއްކުމަށް ނެރުނު އަމުރާ ގުޅޭ ޚަބަރު ލިޔުނީ އަމުރާ ހިލާފަށް ކަމަށް ކަނޑައަޅައިފަ އެވެ. އަދި ޝަހުޒާން 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރި ސުވާލެއް، ކޯޓު އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައިފަ އެވެ.

ކްރިމިނަލް ކޯޓުގެ އަމުރަކީ ޑޮކިއުމެންޓްރީއާ ގުޅިގެން "އަދަދު"ގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފުގެ ދައުވާ އުފުލުމަށް ފަހު، އެ ދައުވާތަކާ ގުޅިގެން ދައުލަތުން އެދިގެން ނެރުނު އަމުރެކެވެ. އެ މައްސަލައިގެ ޝަރީއަތް އިއްޔެ ވަނީ ފަށައިފަ އެވެ.