ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަންކުރުމަށް ގޮވާލައި ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 10 މީހުންގެ ތެރެއިން ތިން މީހަކަށް ކޯޓުން ބަންދުގެ މުއްދަތު އިތުރުކޮށް އަނެއް ހަތް މީހުން ދޫކޮށްލައިފި އެވެ.
އެމްޑީޕީގެ ގާނޫނީ ޓީމުގެ ބޭފުޅުން ވިދާޅުވި ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރެއިން، އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިިވިސްޓެއްގެ ގޮތުގައި މަޝްހޫރު ޝައްމޫން ޖަލީލް (ލޫކަސް) ގެ ބަންދަށް 10 ދުވަސް އިތުރުކޮށްފަ އެވެ. އަދި އިތުރު ދެ މީހެއްގެ ބަންދު ވެސް އިތުރުކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކަކަށް ފަސް ދުވަސް ދީފައި ވާއިރު އަނެއް މީހާގެ ބަންދަށް ދިނީ ތިން ދުވަހެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 8 ފިރިހެނުންނާއި ދެ އަންހެނުންނެވެ.
އެމްޑީޕީން އިސްވެ ރޭ މުޒާހަރާކުރީ ކޯޓުގެ ހުރުމަތް ކެނޑިކަމަށް ކަނޑައަޅައި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުން އަދަދު ނޫހުގެ ދެ ނޫސްވެރިން ޖަލަށް ލުމުންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީ ޕީޖީ ގްރޫޕުގެ މެންބަރުން އިސްވެ ތިއްބަވައި ފެށި މުޒާހަރާގައި މާލޭގެ އެކި ތަންތަނަށް އެއްވެ އަޑު އުފުލަމުން ދިޔައިރު ދޭތެރެ ދޭތެރެއިން ދިޔައީ ފުލުހުންނާ ކުރިމަތިލުންތައް ވެސް ހިނގަމުންނެވެ.
މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެފައި ވަނީ ނޫސްވެރިންގެ ހައްގުގައި ކޮންމެ ރެޔަކު މުޒާހަރާކުރާނެ ކަމަށެވެ.