ވ. އަތޮޅުގައި މިދިޔަ ހަފުތާގައި ޑައިވިނަށް ގޮސް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމުގައި އުޅެނިކޮށް ހާލު ސީރިއަސްވެ، ނިޔާވި މުހައްމަދު މަހުދީގެ ހަށިގަނޑު، ރަސްމީ އިއްޒަތުގައި މިރޭ ވަޅުލައިފި އެވެ.
ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންގައި މިއަދު ޑައިވް ކުރަނިކޮށް ހާލު ދެރަވުމުން އިތުރު ފަރުވާ ދިނުމަށް، ސާޖަންޓު ފަސްޓް ކްލާސް، މަހުދީ މެންދުރު ފަހު އޭޑީކޭއަށް ގެންދިޔަ އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ނިޔާވެފަ އެވެ.
މަހުދީގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ އިސްލާމީ މަރުކަޒުގަ އެވެ. އަދި ރަސްމީ އިއްޒަތުގައި ވަޅުލާފައިވަނީ އާސަހަރާގަ އެވެ.
އޭނާގެ ޖަނާޒާގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވި އެވެ.
ފުނުގައި އޮތް ހޮހަޅައަކަށް ފީނަނިކޮށް ގެއްލުނީ އިޓަލީގެ ހަތަރު ޓޫރިސްޓުންނާއި އެ މީހުން ގޮވައިގެން ދިޔަ ސަފާރީގެ ޑައިވް އިންސްޓްރަކްޓަރެވެ. އެއީ ވެސް އިޓަލީ މީހެކެވެ. އޭގެ ތެރެއިން އެކެއްގެ ހަށިގަނޑު ވަނީ ފެނިފަ އެވެ.
ހާދިސާ ހިނގި ދުވަހު އެމްއެންޑީއެފުން ބުނީ މިހާތަނަށް ހޯދުނު މީހާގެ ހަށިގަނޑު ފެނުނީ ގާތްގަނޑަކަށް 60 މީޓަރު (197 ފޫޓް) ފުނުން ކޭވްއެއްގެ ތެރެއިން ކަމަށެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ވީކަމަށް ލަފާކުރެވެނީ، ދިގުމިނުގައި ގާތްގަނޑަކަށް 200 ފޫޓު ހުންނަ އެ ކޭވްގެ ތެރޭގައި ކަމަށް ވެސް ބުންޏެވެ.
އެ މީހުން ހޯދުމަކީ ވަރަށް ރިސްކު ބޮޑު އޮޕަރޭޝަނެއް ކަމަށް އެމްއެފްޑީއެފުން އެ ދުވަހު ވެސް ބުންޏެވެ.
މަހުދީގެ މަރާ އެކު، ކޯސްޓްގާޑުގެ ސާޗް އޮޕަރޭޝަން ވެސް ވަނީ މެދުކަނޑާލައިފަ އެވެ.
ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފު (މުންދު)، "މިހާރު"އަށް މިރޭ ވިދާޅުވީ ކޯސްޓްގާޑުން ފެށި މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލިޔަސް، އިޓަލީ ސަރުކާރުން ފޮނުވާ ޑައިވަރުންގެ ތަޖުރިބާކާރު ޓީމެއް މާދަމާ ހެނދުނު ރާއްޖެ އައުމުން އަލުން މަސައްކަތް ފަށާނެ ކަމަށެވެ. އެ ޓީމު އައިސް، ސިފައިންގެ ޓީމާ ބައްދަލުކޮށް، މި މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭންތައް ހަދާނެ ކަމަށް މުންދު ވިދާޅުވި އެވެ.
ތަރުޖަމާނު ވިދާޅުވި ގޮތުގައި މީހުން ހޯދަން ހަވާލުކޮށްފައިވަނީ އިޓަލީގެ ޑޭން ނަމަކަށް ކުންފުންޏަކަށެވެ. ނަމަވެސް، ރާއްޖެ އަންނާނީ ހޮހަޅައަށް ފީނުމުގައި ވެސް ހުރި ތަޖުރިބާ ހުރި ފިންލެންޑުގެ ތިން ޑައިވަރުންނެވެ.
އެ މަޝްވަރާތައް ކުރިއަށް ދަނިކޮށް އިނގިރޭސިވިލާތާއި އެމެރިކާ އަދި އޮސްޓްރޭލިއާ ސަރުކާރުން ވެސް ވަނީ މީހުން ހޯދުމުގެ އޮޕަރޭޝަނަށް އެހީތެރިކަން ދޭން އިޓަލީއަށް ހުށަހަޅައިފަ އެވެ. އަދި މި އޮޕަރޭޝަނުގައި އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ސަރުކާރުގެ ޓެކްނިކަލް ސަޕޯޓު ލިބޭނެކަން ތަރުޖަމާނު ފާހަގަކުރެއްވި އެވެ.