މާލޭ މާރުކޭޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއު ލަސްވަނީ ތަކުރާރުކޮށް އެދިގެން ވެސް ސިޓީ ކައުންސިލުން ބިން ހަވާލުނުކޮށްގެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ. 

ޒަމާނީ ވަސީލަތްތަކާ އެކު މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މާޗު 15، 2026 ގަ އެވެ. 

މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ފައިނޭންސް ހަމަޖެހިފައިވާކަން ކަށަވަރުކުރުން ހިމެނޭ ގޮތަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިނިސްޓްރީން ފުރިހަމަކުރަންޖެހޭ ކަންކަން ނިންމިފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރުގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތައްޔާރީތައް ވެސް ފުރިހަމަކޮށްފައިވާ ކަމަށް ބުންޏެވެ.

މިނިސްޓްރީން ބުނީ ވެޓް މާކެޓް ކޮމްޕްލެކްސް ފަރުމާކޮށްފައި ވަނީ ޒަމާނީ ފެންވަރަށް މާރުކޭޓުގެ ހިދުމަތް ދެވޭ ގޮތަށް ކަަމަށެވެ. އިމާރާތުގެ ބޭސްމަންޓު ޕާކިން ޖާގައަށް ހާއްސަކޮށްފައިވާއިރު ގްރައުންޑު ފްލޯ މަސް މާރުކޭޓަށް އަދި ފުރަތަމަ ފްލޯ އާއި ދެ ވަނަ އަދި ތިން ވަނަ ފްލޯ ހާއްސަކޮށްފައި ވަނީ ދަނޑުވެރިކަމުގެ އުފެއްދުންތަކާއި މޭވާ އާއި ތަރުކާރީ މާރުކޭޓަށެވެ. ޓެރަސްގައި ފުޑް ކޯޓެއް ވެސް ހަދަން ވަނީ ނިންމައިފަ އެވެ. 

އެ މަޝްރޫއުގެ ސްކޯޕްގެ ތެރޭގައި ސިވިލް، ސްޓްރަކްޗަރަލް، އާކިޓެކްޗަރަލް އަދި އެމްއީޕީ ހުރިހާ މަސައްކަތެއް ހިމެނޭ ކަމަށާއި ފިނިޝިން މަސައްކަތްތަކާއި ފަޔާ ފައިޓިން ސިސްޓަމާއި ފަސް ލިފްޓާއި، މަސް ބެހެއްޓުމަށް ބޭނުންވާ ސްޓެއިންލެސް ސްޓީލް ކިއޮސްކްތަކާއި ތަރުކާރީ ބަހައްޓާ ލަކުނޑި ކިއޮސްކްތަކުގެ އިތުރުން ފަސް ޓަނުގެ އައިސް މެޝިނެއް ބެހެއްޓުން ހިމެނޭ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. 

އެ މަޝްރޫއު ފެށުމަށް ބޭނުންވާ ބިން ހަމަޖައްސައިދޭން ތަކުރާރުކޮށް ކައުންސިލުގައި އެދިފައިވިޔަސް މިހާތަނަށް ބިން ހަމަޖައްސައިދީފައިނުވާ ކަމަށް ބުނެ މިނިސްޓްރީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެއާ އެކު ވަނީ ބިން ހަމަޖައްސައިދިނުމަށް އެދި ކައުންސިލަށް ސިޓީ ފޮނުވި ތަފްސީލު ވެސް އާންމުކޮށްފަ އެވެ. 

ކައުންސިލަށް ފޮނުވި ސިޓީތަކުގެ ތަފްސީލު

  • މާޗު 29 ގައި ބިން ހަވާލުކުރުމަށް އެދި ފުރަތަމަ ސިޓީ ފޮނުވި. 
  • އޭޕްރީލް 11 ގައި ފައިނޭންސް ހަމަޖެހުމާ އެކު ބިމަށް ވަނުމަށް ހުއްދައަށް ކޮންޓްރެކްޓަރު އެދުނު.
  • އޭޕްރީލް 12 ގައި ވަނީ އެ މަހުގެ 18 ގެ ކުރިން ބިން ހަވާލުކުރުމަށް އެދި ދެ ވަނަ ސިޓީ ފޮނުވާފައި. 
  • އޭޕްރީލް 30 ގައި ބިން ހަވާލުކުރުމުގެ ކުރިން ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް، މިނިސްޓަރާ ބައްދަލުކުރައްވަން ބޭނުންވާ ކަމަށް ސިޓީ ކައުންސިލުން ޖަވާބުދިން. 
  • މެއި 3 ގައި ވަނީ 7 މެއިގެ ކުރިން ބިން ހަވާލުކުރަން އެދި ތިން ވަނަ ސިޓީ ފޮނުވާފައި. 
  • މެއި 18 ގައި ވަނީ 31 މެއި ގެ ކުރިން ބިން ހަވާލުކުރުމަށް އެދި އަނެއްކާވެސް ސިޓީއެއް ފޮނުވި. 

މިނިސްޓްރީން ބުނީ ހަތަރު ފަހަރަށް ސިޓީ ފޮނުވައިގެން ވެސް މިހާތަނަށް ބިން ހަވާލުކޮށްފައިނުވާ ކަމަށެވެ. 

"މި މަޝްރޫއު ގެ އިދާރީ ކަންކަމާއި ފައިނޭންސް ހަމަޖެހި ކޮންޓްރެކްޓަރު ވެސް އަމަލީ މަސައްކަތް ފެށުމަށް ފުރިހަމަ ތައްޔާރުވީ ނަމަވެސް މި މަސައްކަތް ނުފެށި އޮތް ހަމައެކަނި ސަބަބަކީ މަޝްރޫއު ހިންގުމަށް ކަނޑައަޅާފައިވާ ބިން ހުސްކޮށް މިނިސްޓްރީއާ ހަވާލުކޮށްފައިނުވުމެވެ." އެ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.  

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަގަކީ 117 މިލިއަން ރުފިޔާ އެވެ. ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ފައިސާ އަނބުރާ ދައްކަން ހަމަޖެހިފައި ވަނީ 50 މަސް ދުވަހަށް ބަހާލައިގެންނެވެ. އެތަނުގެ މަސައްކަތް އެއްކޮށް ނިމޭއިރު ހަ ބުރިއަށް އިމާރާތްކޮށް އެތަނުގައި 85،000 އަކަފުޓުގެ ޖާގަ ލިބޭނެ އެވެ. 

މިނިސްޓްރީން ބުނީ އެ މަޝްރޫއުއަކީ މާލޭގެ ރައްޔިތުންނަށް ނުހަނު ބޭނުންތެރި މަޝްރޫއުއެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކާ ވީއެންމެ އަވަހަކަށް އެ މަޝްރޫއު ފެށުން ކަމަށެވެ.