މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތް ހިނގާ ނުހިނގާ ގޮތް އެމެރިކާ ސަރުކާރުން ބަލައި، ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތަކާ ބެހޭ މައުލޫމާތު ހޯދައިފި އެވެ.
ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ އެ ގައުމުގެ ސްޓޭޓް ޑިޕާޓްމަންޓްގެ ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ނިކޯލް ޗޫލިކް ތިލަފުށްޓަށް ވަޑައިގެން އެ ޕްރޮޖެކްޓްގެ މަސައްކަތް ބައްލަވާލައްވައި އެމްޕީއެލްގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ރާއްޖެއަށް ކޮންމެހެން މުހިއްމު އިންފްރާސްޓްރަކްޗާ މަސައްކަތްތަކުގައި އެމެރިކާއަށް ބައިވެރިވެވެން އޮތް މިންވަރާ ބެހޭ ގޮތުން އޭނާ މައުލޫމާތު ހޯއްދެވި ކަމަށް ވެސް އެމެރިކާ އެމްބަސީގެ ޕޯސްޓްގައި ބުންޏެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ޕްރޮޖެކްޓްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާގެ، ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އާ ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެނގިފައިވާ ގޮތުގައި އެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރަން ކުރީގެ ސަރުކާރުން ވެސް މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އެ މަސައްކަތް ހަވާލުނުކުރީ އަވަށްޓެރި އިންޑިއާގެ ކަންބޮޑުވުންތަކެއް އެކަމުގައި އޮވެގެން ކަމަށް ވެސް ސަރުކާރުގެ މަސްދަރަކުން އޭރު ބުންޏެވެ.
އެ މަސައްކަތް ސީއެޗްއީސީއާ ހަވާލުކުރަން އެމްޕީއެލްގައި އޭރު ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީނިއާ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު މުހައްމަދު އައިމަން ހުށަހެޅުއްވި ޕްޒެންޓޭޝަނެއްގައިވާ ގޮތުން "ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓް"ގެ ނަމުގައި އެމްޕީއެލް އިން ކުރިއަށް ގެންދާ އެ ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ތޮއްޖެހުން ކުޑަކުރުމެވެ. އެއާ އެކު، ވިޔަފާރިތަކަށް މިހާރަށް ވުރެ ލުއި ގޮތްތައް ހޯދައިދީ، ބަނދަރުން ދޭ ހިދުމަތްތައް އަވަސްކުރުމަކީ ވެސް އެ ޕްރޮޖެކްޓުގެ މަގްސަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ޕްރޮޖެކްޓް ހިންގާނީ އެމްޕީއެލްއަށް ތިލަފުށިން ހޯދާފައިވާ 20 ހެކްޓަރުގެ ބިމެއްގަ އެވެ.
ސީއެޗްއީސީއާ މިއަދު ހަވާލުކުރީ 125 މީޓަރުގެ މަގަތުފާލަމަކާއި އަތޮޅުތަކަށް މުދާ އުފުލާ ބޯޓްފަހަރު ގާތްކުރާނެ ސަރަހައްދަކާއި ކޮންޓެއިނަރުތައް ބަހައްޓާނެ ޖާގައާ އެކު ތަަރައްގީކުރާ ސަރަހައްދެއްގެ މަސައްކަތެވެ. ބަނދަރުގައި ހަރުކުރާ ކްރޭން ބެހެއްޓުުން ވެސް އެ ޕްރޮޖެކްޓްގައި ހިމެނޭނެ އެވެ.
އޭނާ ވިދާޅުވީ ޗައިނާގެ ކުންފުންޏާ މިއަދު ހަވާލުކުރީ އެ މަސައްކަތަށް ބޭނުންވާ ސާވޭ އާއި ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށެވެ.
"ލޯކަލް ހާބާ ރިލީފް ޕްރޮޖެކްޓޭ މި ދަންނަވަނީ، މި އިންޓަނޭަޝަނަލް ކީގެ އިތުރަށް މިހާރު މާލޭގެ ނޯތު ހާބަރު، ސައުތު ވެސްޓް ޖެޓީގައި ބަނދަރުކޮށް މުދާ އަރުވާ ބާލަން ބޭނުންކުރާ ހުރިހާ ބޯޓުފަހަރުތައް މުދާ ނެގުމަށް ޓަކައި އަޅުގަނޑުމެން މި ޑޮމެސްޓިކް ހާބާ، 650 މީޓަރުގެ ކީގެ ސަރަހައްދެއް މިތާނގައި އެބަ ޑިވެލޮޕްކުރަން،" ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ތަފްސީލު ދެއްވަމުން އައިމަން ވިދާޅުވި އެވެ.
ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މަސައްކަތް މުޅިން ނިމޭއިރު އެ ތަނުގައި ބޮންޑެޑް ވެއާހައުސްއެެއް ވެސް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އައިމަން ވިދާޅުވި ގޮތުގައި ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގެ ފުރަތަމަ ފޭސް ނިމުމުން، އާގުބޯޓެއް ހުސްކުރަން ހޭދަވާނީ 48 ގަޑި އިރެވެ. ބޯޓެއް ހުސްކުރަން މިހާރު ފަސް ދުވަސް ނުވަތަ ހަ ދުވަސް ހޭދަވެ އެވެ.