ރާއްޖޭގައި ޓެކްނިކަލް ޑައިވިނަށް ހުއްދަ ދިނުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއަށް ފީނި އިޓަލީގެ ޑައިވަރުންތަކެއް މަރުވި ހާދިސާގެ ކަންބޮޑުވުންތައް އޮތް ދަނޑިވަޅެއްގަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުންދު ވިދާޅުވީ ޓެކްރެކް ޑައިވިން ނުވަތަ ޓެކްނިކަލް ޑައިވިންއާ ގުޅޭ ގާނޫނެއް ރާއްޖޭގައި މިވަގުތު ނެތް ކަމަށެވެ. އެހެންވެ އެފަދަ ގާނޫނެއް ހެދުމުގެ ވިސްނުން ސަރުކާރުން އެބަ ގެންގުޅޭ ކަމަށާއި އެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. 

މުންދު ވިދާޅުވީ އެފަދަ ގާނޫނެއް ވުޖޫދު ވެއްޖެ ނަމަ، ރާއްޖޭގެ ކަނޑުގެ ދިރާސާތައް ކުރުމަށް ބޭރުން އަންނަ މީހުންނާއި ޓެކްނިކަލް އެހެން ޑައިވަރުންނަށް ވެސް ފަސޭހަ ވާނެ ކަމަށެވެ. އެކަމާ ގުޅޭ ހަރުދަނާ ގަވާއިދުތަކެއް ހެދި، އެކަން ތަންފީޒުކުރެވޭނެ ކަމަށް ވެސް މުންދު ވިދާޅުވި އެވެ. 

"ޓެކްރެކް ޑައިވާސްއަކީ ސްޕެޝަލިސްޓް ގިއާ އާ އެކީގައި ވަރަށް ހާއްސަ ފެންވަރެއްގެ ޑައިވްކުރުމުގެ ތަޖުރިބާ ހުރި ބަޔަކަށް ނޫނިއްޔާ ނުކުރެވޭ ކަމަކަށްވާތީވެ ވަރަށް ހަރުދަނާ ގަވާއިދުތަކެއް ވެސް އޭގެ ތެރެއިން ހެދިގެން ރެގިއުލޭޓްކުރެވިގެން ކުރިއަށް ގެންދެވޭނެ،" 

ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން
ވ. އަތޮޅުގެ "މިޔަރު ކަނޑު ކޭވް"އަށް ގެއްލުނު މީހުން ހޯދަން ހިންގި އޮޕަރޭޝަނުގެ ތެރެއިން

"އެހެންވީމަ ޓެކްރެކް ޑައިވިންގެ ގާނޫނެއް ހެދުމާ މެދު އިނީޝަލް ފުރަތަމަ ޑިސްކަޝަން އެބަ ހިނގާ. އޭގެ ތެރެއިން އިރާދަކުރެއްވިއްޔާ މި ދެންނެވިހެން ސްޓޭކްހޯލްޑާ ކޮންސަލްޓޭޝަންތަކެއްގެ ތެރެއިން ގޮސް އަޅުގަނޑުމެންގެ ރާއްޖޭގައި ޓެކްރެކް ޑައިވިން ގާނޫނެއް ވުޖޫދުވެގެން އައިސް އޭގެ ތެރެއިން ގަވާއިދުތަކެއް ހެދޭނެ ދުވަހެއް މާލަހެއް ނުވާނެ ކަމަށް މި ބަލަނީ އިރާދަކުރެއްވިއްޔާ،" 

ޓެކްނިކަލް ޑައިވްއަކީ އާދައިގެ ޑައިވްތަކާ ހިލާފަށް ވަކި ހާއްސަ ތަމްރީނެއް ލިބި އަދި އެކަމަށް ހާއްސަ ސާމާނު ބޭނުންކޮށްގެން ކުރާ ޑައިވްއެކެވެ. 

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގި ޑައިވިންގެ އެންމެ ހިތާމަވެރި ހާދިސާ ދާދި ފަހުން ހިނގީ ވެސް ޓެކްނިކަލް ޑައިވިންގެ ތަމްރީނު ނެތް ބަޔަކު އެެކަން ކުރުމުގެ ތެރެއިންނެވެ. 

މިމަހުގެ 14 ވަނަ ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑިންނެވެ. ބާކީ ހަތަރު މީހުންގެ ހަށިގަނޑު ނެގީ ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ދިވެހި ސިފައިން އަދި ފުލުހުންނާ ގުޅިގެންނެވެ.

ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް މީޑިއާތަކަށް މައުލޫމާތު ދެއްވަނީ.

ހަތަރު ދުވަހަށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަނުގައި އެމީހުންގެ ހަށިގަނޑުތައް ނެގީ ވެސް ގާތްގަނޑަކަށް 200 ފޫޓު ހުންނަ ހޮހަޅައިގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ކުރިން ބުނެފައިވެ އެވެ.  

މީހުން ހޯދުމުގެ އޮޕަރޭޝަންގައި އުޅެނިކޮށް އެމްއެެންޑީއެފްގެ ކޯސްޓްގާޑުގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް ވަނީ ނިޔާވެފަ އެވެ. 

ރާއްޖޭގައި ފީނަން ހުއްދަ އޮންނަ އެންމެ ފުން މިނަކީ 30 މީޓަރެވެ.