ދައުލަތުގެ ތިން ބާރުގެ އިސް ވެރިން ފިޔަވައި،  އެންމެ ބޮޑު އުޖޫރައެއް ކަނޑައެޅިފައި އޮންނަންޖެހޭނީ ޓީޗަރުންނާއި ނަރުހުންނަށް ކަމަށް ކުރީގެ މިނިސްޓަރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.

ރާޝިދާ އެހެން ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިއުޑީސީ) ރައީސުންގެ މުސާރަ ނޭޝަނަލް ޕޭ ކޮމިޝަނުން ބޮޑުކުރުމާ ގުޅިގެން އުފެދުނު ބަހުސްގެ ތެރޭގަ އެވެ. 

ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންނަށް 41,000ރ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންނަށް 21,000ރ. ދިނުމަށް އެންމެ ފުރަތަމަ ނިންމުމަށް ފަހު މިހާރު ވަނީ ސިޓީތަކުގެ ޑަބްލިޔުޑީސީ ރައީސުންނަށް 20،000ރ. އަދި ރަށްރަށުގެ ޑަބްލިޔުޑީސީތަކުގެ ރައީސުންނަށް 15،000ރ. އަށް ކުޑަކޮށްފަ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ ރާއްޖޭގައި އެންމެ ގިނަ ވަގުތު، އެންމެ ބުރަ އަދި އެހާމެ ޒިންމާދާރު މަސައްކަތްތަކެއް ކުރަނީ ޓީޗަރުންނާއި ނަރުހުން ކަމަށެވެ.

އެއީ އިންސާނުންގެ ފުރާނައާ ސީދާ ގުޅިފައިވާ، ނުހަނު ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ދެ ދާއިރާ ކަމަށާއި އެފަދަ މުހިންމު ހިދުމަތްތަކެއް ދޭ ފަރާތްތަކަށް ޝުކުރުގެ ބަހެއް މަދު ފަހަރަކު ނޫނީ ނުލިބޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ތެރެއިން ވެސް ޓީޗަރުންނަކީ ތަފާތު އެތައް މަސްއޫލިއްޔަތުތަކެއް ބޮލުގައި އަޅަންޖެހިފައިވާ ބައެއް. މިއަށްވުރެ ބޮޑު މުސާރައެއް ލިބޭ ބަޔަކު (ދައުލަތުގެ ތިން ބާރުގެ އިސްވެރިން ފިޔަވައި) މި ގައުމުގައި ތިބެގެން ނުވާނެ،" އޭނާ ލިޔުއްވާފައިވެ އެވެ.

ޑަބްލިއުޑީސީގެ މުސާރަ ފުރަތަމަ ހަމަޖެއްސި ގޮތުން، ޓީޗަރުންގެ އުޖޫރަ އާއި އިނާޔަތްތަކާ މެދު އިހުމާލުވަމުންދާ ކަމުގެ ޝަކުވާ އާންމުންގެ މެދުގައި ބޮޑުވި އެވެ.

މާސްޓާސް ފެންވަރަށް ކިޔަވައިގެން ހުންނަ ޓީޗަރަކަށް ގާތްގަނޑަކަށް 20,000ރ. ލިބޭއިރު، އެފަދަ ތައުލީމީ ފެންވަރަކަށް ނުބަލައި އިންތިހާބުކުރާ މަގާމަކަށް އެއަށްވުރެ މާ ބޮޑު މުސާރައެއް ކަނޑައެޅުމަކީ އިންސާފެއް ނޫން ކަމަށް މީހުން ބުނެފައިވެ އެވެ.