މަނާ ބޭހާއި ބަނގުރާ ގެންގުޅުނު މައްސަލައެެއްގައި ސަފާރީއަކުން ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ އެމްޑީ ޝަހަޖަން ސަވަލް، 36 އެކެވެ. މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރުމާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅުނު މައްސަލާގައި އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ އެވެ.
ޝަހަޖަންގެ ބަންދު އިތުރުކުރި އަމުރުގައި ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގެ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ސަފާރީއަކަށް ފުލުހުން އެރި ވަގުތު އޭނާ އާއި އިތުރު މީހަކު ދުވެފައި ގޮސް ސަފާރީގެ ޑެކް މަތީގެ ފަހަތުގައި ހަދާފައި ހުރި ކޮޓަރިއަކަށް ވަނުމުން ފުުލުހުން އެ ދެ މީހުން ހުއްޓުވައި، އޭނާގެ ހަށިގަނޑު ބަލައިފާސްކުރުމުގެ ތެރޭގައި އޭނާއާ އެކު ދެން ހުރި މީހާ ލައިގެން ހުރި ސޯޓުގެ ކަނާތްފަރާތުގެ ކުރިމަތީ ޖީބުގައި އޮތް ކެމެލް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ރަަބަރު ޕެކެޓެއްގެ ތެރެއިން މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 10 ގުޅަ ބޭސް ފެނިފައިވާ ކަމަށް ބަންދު އަމުރުގައިވެ އެވެ.
އޭނާގެ ޖީބުން ފައިސާ ފެނިފައިވާ ކަމަށާއި އޭނާ ހުރި ކޮޓަރީގެ މޭޒެއްގެ މަތީގައި އޮތް ލަކުޑި ފޮއްޓެއްގެ ތެރޭގައި އޮތް ކެމަލް ސިނގިރޭޓް ފޮއްޓެއްގެ ތެރޭގައި އޮތް ރަބަރު ޕެކެޓެއްގައި ވެސް މަނާ ބޭސް ކަމަށް ޝައްކުކުރެވޭ 24 ގުޅަ ބޭސް ފެނިފައިވާ ކަމަށް ސީނަށް ދިޔަ ފުލުހެއްގެ ބަޔާން ލިބިފައިވާ ކަމަށް އަމުރުގައިވެ އެވެ.
އޭނާ ހުރި ކޮޓަރިންނާއި ސަފާރީގެ ވަތު އަޑިންނާއި އިންޖީނުގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ގިނަ އަދަދެއްގެ ފުޅިތަކެއް ފެނިފައިވާކަމަށާއި ޔޫރިން ސާމްޕަލް ނެގިއިރު ސީއޭޓީ އާއި އޭއެމްޕީ އަދި ޓީއެޗްސީއަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމުރުގައިވެ އެވެ.