އުއްމީދަކީ އެމްޑީޕީގެ އެއްވެސް މެމްބަރަކު ވަކި ނުވެ، އެ ޕާޓީއަށް އެއް ލައްކަ މެމްބަރުން ހަމަކުރުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ މަހު 12 ގައި ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ނަޝީދު އެކްސްގައި ޕޯސްޓުކުރެއްވި ވީޑީއޯއެއްގައި ވިދާޅުވީ އެ ޕާޓީން އެންމެ މެމްބަރަކު ވިޔަސް ވަކިވުމަކީ އެ މަނިކުފާނު އެދިވަޑައިގަންނަވާނެ ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެދެނީ ވީހާ ވެސް ގިނަ ބޭފުޅުން އެމްޑީޕީއާ ގުޅުމަށް. އަޅުގަނޑުގެ އަމާޒަކީ، އުއްމީދަކީ އެއް ލައްކައަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީގައި ބޭތިއްބުން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެ އަދަދު ހަމަކުރުމަށް ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިންގެ މި ދުވަސްވަރާއި އޭގެ ފަހުން ވެސް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ.
މީގެ ކުރިން އެމްޑީޕީ ދޫކޮށްލައްވައި އަދި އެމްޑީޕީ ރޫޅާލާނެ ކަމުގެ އިންޒާރާ އެކު، ދަ ޑިމޮކްރެޓްސްގެ ނަމުގައި އަމިއްލަ ޕާޓީއެއް އުފެއްދެވި ނަޝީދު މިއަދު ވިދާޅުވީ އެއްވެސް މީހަކު އެއްވެސް ސަބަބަކާ ހުރެ އެމްޑީޕީ ދޫކޮށްލަން ކުޑަކޮށް ވެސް އެދިވަޑައިނުގަންނަވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދަފުތަރުގައިވާ ގޮތުން މިވަގުތު އެމްޑީޕީގައި ތިބީ 43،784 މެމްބަރުންނެވެ.
މިވަގުތު އެންމެ ގިނަ މެމްބަރުން ތިބީ ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގަ އެވެ. އެއީ 74،048 މެމްބަރުންނެވެ.
މި ވަގުތު އިދިކޮޅުގައި އޮތް އެންމެ ބޮޑު ޕާޓީ އަށް އެއް ލައްކަ މެމްބަރުން ހަމަކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އިރު، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ބަލިވާ މީހުން ތިބެން ޖެހޭނީ އެ ޕާޓީގެ ކަންކަމުގައި "ތަންކޮޅެއް ދުރުގައި" އަދި ކައިރީގައި ތިބެން ޖެހޭނީ މޮޅުވާ މީހުން ކަމަށް އެ މަނިކުފާނު ވިދާޅުވުމުން އެ މައްސަލަ އޮތީ ވަރަށް ހޫނުވެފަ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުގައި ކުރި ބަހުސެއްގެ ތެރޭގައި ނަޝީދު ވިދާޅުވީ "ބަލިވާ ބޭފުޅުން ޕާޓީގެ ކަންކަމުގައި ފަހަތުގައި ތިއްބަވާއިރު ތަންކޮޅެއް ދުރުގައި އެހެނަސް ފަހަތުގައި ތިއްބަވާނެ ކަމަށް އުންމީދު ކުރަން" ކަމަށެވެ.