ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ނައިބަކަށް އެ ކޮމިޝަންގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ ހުސައިން ޝަހީދު މިއަދު އިންތިހާބުކޮށްފި އެވެ.
ޖޭއެސްސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އެ މަގާމަށް ޝަހީދު އިންތިހާބުކުރި ކަން އިއުލާންކޮށްފަ އެވެ.
ފަނޑިޔާރު ޝަހީދު ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ އޭޕްރީލް 7 ގަ އެވެ.
ޖޭއެސްސީގެ ނައިބުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ޔަޒްމީދު މުހައްމަދު މިދިޔަ މަހު އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޔަޒްމީދަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރި މެމްބަރެއްގެ ގޮތުގައި ޖޭއެސްސީގައި ހުންނެވި ބޭފުޅެކެވެ.
ޔަޒްމީދު ޖޭއެސްސީގެ މެމްބަރަކަށް އައްޔަންކުރެއްވީ މިދިޔަ އަހަރު ފެބުރުއަރީ 23 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ކުރިން ރައީސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި މުހައްމަދު ސަމީރު އެ މަގާމުން ވަކިކުރެއްވުމަށް ފަހު އެވެ. ރައީސް އެ ބަދަލު ގެންނެވީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީން ބަލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.
ޔަޒްމީދު މަގާމުން އިސްތިއުފާ ދެއްވި ދުވަސްވަރު އޭނާގެ އޯޑިއޯއެއް ކަމަށް ބުނާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކްކޮށްލި އެވެ. އެ އޯޑިއޯގައި މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީއަށް ވޯޓު ނުދޭން ބުނާ އަޑު އިވެ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފަރާތްތަކެއްގެ މައްސަލަ ޕީޖީއާ ހަމައަށް ނުގޮސް ނިމިދާނެ ކަމަށް ބުނާ އަޑު ވެސް އިވެ އެވެ.