ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރާއި ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ކުރިމަތިލައްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން އެ މަގާމުން ރިޓަޔާ ކުރައްވާތީ އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލީ މިދިޔަ ހަފުތާގަ އެވެ.
އެ މުއްދަތު މިއަދަށް ހަމަވިއިރު، އެ މަގާމަށް ކުރިމަތިލެއްވީ ސަމީރާއި ފަނޑިޔާރު ރައޫފް ކަމަށް އެނގިފައިވެ އެވެ. ނަމަވެސް އެ މަގާމަށް ބޭފުޅުން އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކޮށްގެންނެވެ.
ކުރީގެ ފަނޑިޔާރު ސަމީރަކީ 2011 ވަނަ އަހަރުން ފެށިގެން އޭޕްރީލް 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަން ވެސް އޭނާ ކުރެއްވި އެވެ.
އޭގެ ކުރިން އޭނާ ވަނީ ސިވިލް ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވައިފަ އެވެ.
ފަނޑިޔާރު ރައޫފަކީ ވެސް 2011 ވަނަ އަހަރުން ފެށިގެން މެއި 2022 އާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އެ މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް އަލުން އެ ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރެއްވީ މިއަހަރު އެވެ.