އެއްވެސް ޕާޓީއަކަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެހެން ޕާޓީތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވި ވާހަކައަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ނަޝީދާ ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕެއިން ޖަލްސާގައި ރޭ އިބޫ ވިދާޅުވި ގޮތުގައި އެކަނި އެއް ޕާޓީއަކަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރެއްވެ އެވެ.
އެ ވާހަކައަށް ރައްދު ދެއްވައި، ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެއްވެސް ބޭފުޅަކު ދެކެވަޑައިގަނެގެން ނުވާނެ ކަމަށެވެ.
"އެއީ ވަރަށް ބޮޑަށް ޕާޓީއާ ދޭތެރޭ ބުނެވޭ ބަދު ބަހެއް. ޕާޓީ ދަށްކޮށްލުން އެއީ،" ގދ. ފަރެސްމާތޮޑާގައި ބޭއްވި ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީއަށް 100،000 އަށްވުރެ ގިނަ މެންބަރުން ހޯދޭނެ ކަމަށާއި އަދި އިންތިހާބުގައި އެމްޑީޕީއަށް އެކަނި 160،000 އަށްވުރެ ގިނަ ވޯޓު ހޯދޭނެ ކަމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ބައެއްގެ އުނގަށް އެރިގެން ސަރުކާރުން ބޮޑުބައެއް ދީގެން އެކަމާ އެމްޑީޕީގެ މީހުން ރުޅިއަރުވަން ނުޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ މީހަކަށް ކުރާނެ ކަމެއް ނެތް ކަމަށް އަބަދުވެސް ބުނަމުން ދަނީ. ސަރުކާރަށް އައިސް ހުރިހާ މަގާމެއް މި ލިބެނީ އެހެން ކުދިކުދި ޕާޓީތަކަށް. އެހެން އެކަން ވީމަ އެމްޑީޕީގެ މެންބަރުން ދަނީ ބާކީ ވަމުން. ބާކީ ވަނީ އާންމު މެންބަރުން...،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނަށް އެކަން ކުރެވޭނެ ކަމަށާއި އިންތިހާބަކަށް ފަހު އިންތިހާބެއް އެމްޑީޕީން ކާމިޔާބު ކުރަމުންދާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި ސިޔާސީ މަައިދާނުގައި މިހާރަކު ރައްޔިތުންގެ ތާއިދު އޮތް ކުދި ޕާޓީތަކެއް ނެތެވެ. މިސާލެއްގެ ގޮތުން ނެންގެވީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އެވެ.
"ކޮން ތަނަކުންތޯ އެ މީހުން ގޮނޑިއެއް ނެގީ. ކައުންސިލް އިންތިހާބެއްގައި ވެސް އަޅުގަނޑުމެންނަކަށް ނުފެނޭ އެ މީހުން ގޮނޑިއެއް ނެގިތަނެއް،" ނަޝީދު ވިދާޅުވި އެވެ.
ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އިބޫ ވަނީ "ތިމަންނަ އާއި ތިމަންނަ ވަށައިގެން ތިބި ބަޔަކު އެކަނި ވެގެން އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް ދެކުމަކީ ގޯހެއް" ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު ކެރިހުރެ މި ދަންނަވަނީ މިއަދު ވެސް. މިއަކީ އެންމެ ޕާޓީއަކަށް ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް ރާއްޖެ ތަރައްގީކުރަން ބޭނުންވާ އެންމެންނަށް އަޅުގަނޑުމެން މަރުހަބާކިޔަން ޖެހޭނެ،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ މާޒީން ވެސް ފެންނަން އޮތީ އެ ހަގީގަތް ކަމަށެވެ. ކުރީގެ ރައީސް ނަޝީދާއި ޔާމީން ވެސް ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންގެ ތެރެއިން ކަމަށެވެ. އެމްޑީޕީގައި މި ވަގުތު 60،000 މެންބަރުން ތިބިއިރު، ރިޔާސީ އިންތިހާބެއް ކާމިޔާބުކުރަން އިތުރަށް 90،000 އަށްވުރެ ގިނަ ވޯޓު ބޭނުންވާ ކަމަށާއި އެ ހޯދޭނީ ސޯލިހު ވިދާޅުވި ގޮތުގައި ރައްޔިތުން ގަބޫލުކުރާ ވިސްނުމާއި ސިޔާސަތުތަކާ އެކު ކުރިއަށް ގޮސްގެންނެވެ.