މާލެ ސަރަހައްދުގެ ސްކޫލެއްގައި ފަސް އަހަރު ވަންދެން ހިންގަމުން ދިޔަ ހިޔާނާތުގެ ބޮޑު  މައްސަލައެއް ފެންމަތިވެ، އެ ސްކޫލުގެ ތިން މުވައްޒަކު ވަޒީފާ އިން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނިންމައިފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ މައްސަލާގައި ވަޒީފާ އިން ވަކިކުރަން ނިންމާފައި ވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން އެޑްމިނިސްޓްރޭޓަރުގެ ދަށުން މަސައްކަތްކުރާ ބަޖެޓް އޮފިސަރެވެ. 

އެ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނިންމީ އެ ސްކޫލުގައި މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވި ފަހުން، އޭނާގެ ނަމުގައި 2021 އިން ފެށިގެން މުސާރަ ނަގަމުންދިޔަ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު އެވެ.

އެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ ބިދޭސީމީހާ ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ މުސާރަ ނަގައި، ބަޖެޓު އޮފިސަރާ އާއިލީ ގުޅުން އޮތް ތަފާތު އެކި އެކައުންޓުތަކަށް ފޮނުވަމުން ދިޔަ ކަމަށެވެ.

"އަންހެނުންގެ އެކައުންޓަށް އެ އިން ފައިސާ ޖަމާކޮށްފައި ހުރީ ސެލަރީ ޖަހާލާފައި. އެކި މަހު އެކި ނަންނަމުގައި ޖަމާކޮށްފައި ހުރި އިރު އެނގެން ވާނެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރަށް. އެއްމަހު މައިދައިތަ އެކައުންޓަށް. އަނެއް މަހު ސްކޫލު ވޮޗަރުގެ އެކައުންޓަށް،" އޭނާ ވިދާޅުވި އެވެ.

ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާގެ ފައިސާ އެ ބިދޭސީ މުވައްޒަފުގެ ނަމުގައި މުސާރައިގެ ގޮތުގައި ނަގައި އެކި އެކައުންޓުތަކަށް ފޮނުވި ކަމަށް ވެސް މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވި އެވެ.

އެ މައްސަލަ ފެންމަތިވީ އެޑިއުކޭޝަން މިނިސްޓްރީން އެކި ސްކޫލުތައް ރެންޑަމްކޮށް އޮޑިޓް ކުރަމުންދިޔަ ދިއުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ސީއެސްސީން ނިންމީ އެ މީހުންނާ މެދު ފިޔަވަޅު އަޅައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވުމުންނެވެ،. ނަމަވެސް އެ މައްސަލަ ފުލުހުން ނުވަތަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރާކަން އަދި އެނގިފައެއް ނުވެ އެވެ.