މާލެ ސަރަހައްދުގެ ސްކޫލެއްގައި ފަސް އަހަރު ވަންދެން ހިންގަމުން ދިޔަ ހިޔާނާތުގެ ބޮޑު މައްސަލައިގެ ތަހުގީގެއް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފަށައިފި އެވެ.

މީގެ ފަސް އަހަރު ކުރިން 2021 އިން ފެށިގެން އެހެން މުވައްޒަފެއްގެ ނަމުގައި މުސާރަ ނަގަމުންދިޔަ އެ ސްކޫލު ތިން މުވައްޒަފެއް ފާހަގަވެ، އެ ތިން މުވައްޒަފުން ކަނޑާލަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ވެސް ވަނީ ނިންމައިފަ އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ އެ މައްސަލަ އޭސީސީން ބަލަމުން އަންނަ ތަހުގީގެއް ވެސް މިހާރު ފަށާފައިވާ ކަމަށެވެ.

ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް އޭސީސީން ހިއްސާއެއް ނުކުރެ އެވެ.

"މިހާރު" އެނގިފައިވާ ގޮތުގައި، އެ މައްސަލައާ ގުޅިގެން ވަޒީފާ އިން ވަކިކުރުމަށް ނިންމާފައިވަނީ އެ ސްކޫލުގެ އެޑްމިނިސްޓްރޭޓަރާއި ހިއުމަން ރިސޯސް މެނޭޖަރުގެ އިތުރުން ބަޖެޓް އޮފިސަރެވެ.

އެ ތިން މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ސީއެސްސީން ނިންމީ، އެ ސްކޫލުގައި ކުރިން މަސައްކަތްކުރި ބިދޭސީ މުވައްޒަފަކު ވަޒީފާ އިން ވަކިވުމަށް ފަހު، އޭނާގެ ނަމުގައި އެ ތިން މުވައްޒަފުން މުސާރަ ނަގަމުންދިޔަކަން ފަޅާއެރުމުންނެވެ.

އެ މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އެ ބިދޭސީމީހާ ރާއްޖެ ދޫކޮށް ދިއުމުން އޭނާގެ ބަދަލުގައި އެހެން މީހެއްގެ ނަން މުސާރަ ޝީޓަށް އިތުރުކޮށް، އެ މީހާގެ މުސާރަ ނަގައި، ބަޖެޓު އޮފިސަރާ އާއިލީ ގުޅުން އޮތް ތަފާތު މީސްމީހުންގެ އެކި އެކައުންޓުތަކަށް ފޮނުވަމުން ދިޔަ ކަމަށެވެ.

ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި 1.5 މިލިއަން ރުފިޔާގެ ފައިސާ އެ ބިދޭސީ މުވައްޒަފުގެ ނަމުގައި މުސާރައިގެ ގޮތުގައި ނަގައި އެކި އެކައުންޓުތަކަށް ފޮނުވި ކަމަށް ވެސް މައުލޫމާތު ހިއްސާކުރި ފަރާތުން ވިދާޅުވި އެވެ.

އެ މައްސަލަ ފެންމަތިވީ އެޑިއުކޭޝަން މިނިސްޓްރީން އެކި ސްކޫލުތައް ރެންޑަމްކޮށް އޮޑިޓް ކުރަމުން ދަނިކޮށެވެ.