ހުޅުމާލޭ 2 ގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވުމުން ފިލި މައްސަލައެއްގައި، އެ ސައިކަލް ދުއްވި މީހާ ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނޮ ގޮތުގައި ހުޅުމާލޭ 2 ގެ ބެރެބެދިމާ ހިނގުމުގެ 1 ނަންބަރު ގޯޅިން ދެކުނުން އުތުރަށް ދުއްވާފައި ދިޔަ ސައިކަލެއް އެ މަގުގައި ޕާކުކޮށްފައި ހުރި ކާރުތަކެއްގައި ޖެހުނު މައްސަލަ ހުށަހަޅާފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރު އެވެ.
އެކްސިޑެންޓުވި ސައިކަލުގައި އެ ދުއްވަން އިން މީހާއާ އެކު އިތުރު މީހަކު ފަހަތުގައި އިނެވެ.
އެކަމަކު އެކްސިޑެންޓުވުމުން ސައިކަލާއި ފަހަތުގައި އިން މީހާ ވެސް ދޫކޮށްލާފައި އެ ދުއްވަން އިން މީހާ ފިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލުގެ ފަހަތުގައި އިނީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ތުންފަތް ފަޅައިގެން ގޮސް ގައިގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާއިރު އެކްސިޑެންޓުވި ސައިކަލާއި އިތުރު ހަތަރު ކާރަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެެވެ.
އެ މައްސަލާގައި، ތަހުގީގުގެ ބޭނުމަށް ސައިކަލު ޓޯކޮށް، ސައިކުލަ ދުއްވި މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ. އަދި އެ ހާދިސާ ހިނގިއިރު ސައިކަލުގެ ފަހަތުގައި އިން މީހާއާ ސުވާލުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.