މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހދ. ޖުޑީޝަލް ދާއިރާއިން ޖުމްލަ 451 މައްސަލަ ނިންމައިފި އެވެ. 

އާބާދީ 22،800 އަށް ވުރެ ބޮޑު ހދ. ޖުޑީޝަލް ދާއިރާއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފުރަތަމަ ހަ މަސް ތެރޭގައި އެ ދާއިރާގެ ކޯޓުތަކަށް 435 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެއީ ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު ހިމެނޭ ގޮތަށް 13 ރަށެއްގެ ކޯޓެވެ. 

އެ ކޯޓުތަކުން ހަ މަސް ތެރޭގައި 451 މައްސަލަ ނިންމާފައިވާއިރު މިހާރު ހިނގަމުންދަނީ 253 މައްސަލަ އެވެ. 

ހދ. ޖުޑީޝަލް ދާއިރާގައި ހިމެނޭ ކޯޓުތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަ ހުށަހަޅާފައިވަނީ އާބާދީ ބޮޑު ކުޅުދުއްފުށީގެ ކޯޓަށެވެ. އެ ކޯޓަށް 242 މައްސަލަ ހުށަހަޅާފައިވާއިރު، 241 މައްސަލައެއް ނިންމާފައިވެ އެވެ. ކުރިން ހުށަހަޅައި ނުނިމި ހުރި މައްސަލަތަކާ އެކު މިހާރު ހިނގަމުންދާ 143 މައްސަލަ އެބަ އޮތެވެ. 

އެންމެ މަދުން މައްސަލަ ހުށަހަޅާފައިވަނީ ކުރިނބި، ހިރިމަރަދޫ އަދި ނަވައިދޫ ކޯޓަށެވެ. އެއިން ކޮންމެ ކޯޓަކަށް ވެސް ހަ މަސް ތެރޭ ހުށަހަޅާފައިވަނީ ހަތަރު މައްސަލަ އެވެ. 

ވަރި އަދި ކައިވެނީގެ ތަފާސްހިސާބުތައް ވެސް އާންމުކޮށްފައިވާއިރު ހދ. ޖުޑީޝަލް ދާއިރާގައި މިދިޔަ ހަ މަސް ތެރޭ 102 ކައިވެނިކޮށްފައިވެ އެވެ. އަދި 90 ވަރި ރިކޯޑްކޮށްފައިވެ އެވެ. 

ކުޅުދުއްފުށީގައި 54 ކައިވެނިކޮށްފައިވާއިރު 49 ވަރިކޮށްފައިވެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން ނޭކުރެންދޫ، ހިރިމަރަދޫ އަދި ނެއްލައިދޫގައި އެއްވެސް ވަރިއެއް ނެތެވެ.