ކުޑަކުދިންގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއްގެ ގޮތުގައި އައިޖީއެމްއެޗުގައި މަސައްކަތް ކުރައްވާ ޑރ. އާމިނަތު ފަޒްނާ މިއަދު ނިޔާވެއްޖެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ފެށިގެން އައިޖީއެމްއެޗުގައި އެޑްމިޓް ކޮށްގެން ފަރުވާ ހޯދަމުން ގެންދެވި ނަމަވެސް އުމުރުން 47 އަހަރުގެ ފަޒްނާ ނިޔާވީ ސަބަބެއް ސާފެއް ނުވި އެވެ.

ގދ. ގައްދޫ، ކަށިކެޔޮމާގޭ، ޑރ. ފަޒްނާ، އެމްބީބީއެސް ނިންމުމަށް ފަހު، ސްޕެޝަލައިޒް ވެގެން އައިޖީއެމްއެޗާ އަލުން ގުޅިވަޑައިގަތީ 2018 ވަނަ އަހަރު އެވެ. 

އޭގެ ފަހުން 2021 ވަނަ އަހަރު މެލޭޝިއާ އަށް ވަޑައިގެން ދެ އަހަރު ކެބަންސާން ޔުނިވާސިޓީގައި ކިޔަވައި ވިދާޅުވި އެވެ. އެމެރިކާގެ ކެލިފޯނިއާ ޔުނިވާސިޓީގައި އޯޓިޒަމް ފަދަ ބަލިތައް ދެނެގަތުމަށް ހާއްސަ ޑިވޮލޮޕްމަންޓަލް ޕީޑިއެޓްރީޝަން ދާއިރާއިން ކިޔަވާ ވިދާޅުވެ، ތަމްރީނު ފުރިހަމަކޮށް ބަލި މީހުން ބައްލަވަން ފެއްޓެވީ 2024 ވަނަ އަހަރު އެވެ.

ޑރ. ފަޒްނާ އަކީ ރާއްޖޭގައި އޯޓިޒަމް ދެނެގަތުމަށް ހާއްސަވި ފުރަތަމަ ދިވެހި ޑޮކްޓަރެވެ.

އޭނާ ނިޔާވިއިރު އޭނާގެ ދެ އަންހެން ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.

ޑރ. ފަޒްނާގެ މައްޗަށް ކަށުނަމާދުކުރުން އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ.