ހދ. ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދިނުމާ ގުޅޭ ގޮތުން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް، ކުޅުދުއްފުށީ ސިޓީ ކައުންސިލާ އެކު އެއްބަސްވުމަކަށް އައުމަށް ފެނަކައިން އިންކާރުކުރުމުން އެ ކުންފުންޏާ ދެކޮޅަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ކަނޑައަޅައިފި އެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާ ގޮތުން، އެ ސިޓީއެއްގެ ރައްޔިތުންނަށް ކަރަންޓުގެ ހިދުމަތް ކައުންސިލުން ފޯރުކޮށްްދޭން ވާނެ ކަމަށް ބަޔާންކޮށް، އެ ހިދުމަތް ފޯރުކޮށްދެނީ ތިންވަނަ ފަރާތަކުން ކަމުގައިވާ ނަމަ އެ ތިން ވަނަ ފަރާތާއި ކައުންސިލާ ދެމެދު އެއްބަސްވުމެއް އޮންނަން ޖެހެ އެވެ.
ނަމަވެސް، ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކައާ އެކު އެއްބަސްވުމަކަށް އައުމަށް އެކި ފަހަރު މަތިން ލިޔުމުން އެދިގެން ވެސް އެ ކުންފުނީގެ ފަރާތުން އެ ކަމަށް އެއްބާރުލުން ލިބިފައެއް ނުވާ ކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުންޏެވެ. އެ ފަދަ އެއްބަސްވުމަކަށް އައުމަށް ފެނަކައިން ލިޔުމުން އިންކާރު ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ، ސިވިލް ކޯޓުގައި ކައުންސިލުން އެދުނީ އެ އެއްބަސްވުން ހެދުމަށް ފެނަކައިގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ސިވިލް ކޯޓުން މި މައްސަލައިގައި އިއްވި ހުކުމްގައި ބުނީ ފެނަކައިން ކުޅުދުއްފުށީގައި ކަރަންޓުގެ ހިދުމަތް ދެނީ އަމިއްލަ ހިދުމަތެއް ދިނުމުގެ ގޮތުން ނޫން ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން ސަރުކާރުގެ އެޖެންޓެއްގެ ގޮތުން ދޭ ހިދުމަތެއް ކަމަށެެވެ.
އެހެންކަމުން ލާމަރުކަޒީ ގާނޫނުގެ ބޭނުމަށް ފެނަކައިގެ މައްޗަށް ދައުވާކޮށްގެން އޭގެ ޖަވާބު ކުޅުދުއްފުށީ ކައުންސިލަށް ނުހޯދޭނެ ކަމަށް ހުކުމްގައިވެ އެވެ.
"...ސަބަބަކީ ފެނަކައިން އެ ދޭ ހިދުމަތަކީ އެ ފަރާތް މެދުވެރިކޮށް ދިވެހި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތަކަށްވާތީ،" ހުކުމްގައިވެ އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން މިއީ މިފަދަ ދައުވާއެއް ކައުންސިލަކުން އުފުލި ފުރަތަމަ ފަހަރެވެ.