މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރަ އާއި އިނާޔަތްތައް އަންނަ މަހުން ފެށިގެން ކުޑަކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފި އެވެ. 

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުން އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ އެ މަގާމުތަކާއި އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. 

އެ ބަދަލާ އެކު، އެ މީހުންގެ މުސާރަތައް ވަނީ ކޮންމެވެސް ވަރަކަށް ކުޑަވެފަ އެވެ.

ޕާމަނަންޓް ސެކްރެޓަރީ އާއި ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށް ގެންނަ ބަދަލު:

  •  ޕާމަނަންޓް ސެކްރެޓަރީ ރޭންކް 17 - އަސާސީ މުސާރަ އަށް 23،935ރ. އަދި އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065ރ. 
  • ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްތައް) ރޭންކް 17 - އަސާސީ މުސާރައަށް 23،935 އަދި އެގްޒެކްޓިވް އެލަވަންސްއަށް 23،065ރ. 
  • ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްތައް) ރޭންކް 16 - އަސާސީ މުސާރައަށް 18،000ރ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 6،620ރ. 
  • ސެކްރެޓަރީ ޖެނަރަލް (ޑިޕްލޮމާ އަދި ތަޖުރިބާ) ރޭންކް 16 - އަސާސީ މުސާރައަށް 10،000ރ. އަދި އެގްޒެކްޓިވް އެލަވަންސްއަށް 7،000ރ. 

އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަލަށް އަމަލުކުރަން ފަށާއިރު، މީގެ ކުރިން ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި 53،000 އެއްހާ ރުފިޔާ ލިބެ އެވެ. އަދި ޑިޕްލޮމާ އިން މަތިން ކިޔަވާފައި ތިބޭ ރަށު ކައުންސިލުތަކުގެ އެސްޖީންނަށް 35،000ރ. ލިބޭއިރު ޑިޕްލޮމާ އާއި ތަޖުރިބާ ހުރި އެސްޖީންނަށް 32،000ރ. މުސާރައިގެ ގޮތުގައި ކުރިން ލިބުނެވެ. 

ސީއެސްސީން ފޮނުވި ސާކިއުލާގައި ބުނީ އައިސީޓީ އޮޕަރޭޝަން އެންޑް ޔޫސާ ސަޕޯޓް ޓެކްނީޝަންގެ ޖޮބް މެޓްރިކްސް އާއި އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ މެނޭޖަރުންގެ ޖޮބް މެޓްރިކްސް އަދި އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖޯ އެނަލިސްޓުންގެ ޖޮބް މެޓްރިކްސްތަކުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ވެސް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ. 

ކުއްލި ގޮތަކަށް އެސްޖީންނާއި ޕީއެސްއިންގެ މުސާރަ އާއި އިނާޔަތްތައް ކުޑައިރު، މި ފަހުން ވަނީ ސިޓީތަކުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 20،000ރ. އަށް ބޮޑުކޮށް އަދި ރަށްރަށުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންގެ މުސާރަ 15،000ރ. އަށް ބޮޑުކޮށްފަ އެވެ.