ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އާ ހިދުމަތްތަކެއް މި ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް މިރޭ ވިދާޅުވެއްޖެ އެވެ. 

ހަލީމް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަނޑުދަނޑިތަކާ އެއްގޮތަށް، ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަން ބޭނުންވާ ކުރިއެރުންތައް  ގެނެސްދިނުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކައިރިން އަދި ފަސޭހަކަމާ އެކު ހިދުމަތް ދިނުމަށް، ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައިވާ ބައެއް ހިދުމަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ވެސް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ގޭސްޓްރޯއެންޓްރޮލޮޖީ، ނިއުރޮލޮޖީ، އަދި ޔޫރޮލޮޖީގެ ހިދުމަތްތައް ވެސް މި ހަފުތާގެ ތެރޭގައި އެ ހޮސްޕިޓަލުގައި ފަށަން ވަނީ ނިންމައިފަ އެވެ.

ގިނަ ބަޔަކު ހިދުމަތް ހޯދާ ހުޅުމާލެ ހޮސްޕިޓަލުން މި ފަހުން ވަނީ، ސަބް-ސްޕެޝަލިސްޓު ޑޮކްޓަރުންނާ އެކު ހިދުމަތްތައް ފުޅާކޮށްފަ އެވެ. އެއީ އުރަމަތީ ކެންސަރުގެ އޮޕަރޭޝަން އަދި ގްލޯކޯމާ ބަލީގެ ހާއްސަ ޑޮކްޓަރާއެކުގަ އެވެ.

އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގެ ވިޒިޓިން ޑޮކްޓަރުންނާ އެކު ހުޅުމާލޭގައި ކެންސަރުގެ ފަރުވާ ދެމުން އަންނަތާ އަހަރުތަކެއް ވެއްޖެ އެވެ. 

މި ފަހުން ވަނީ ފުލްޓައިމް ޑޮކްޓަރުންނާ އެކު އޮންކޮލޮޖީގެ ހިދުމަތް ވެސް ފަށައިފަ އެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބޭނެ ފެންވަރު ރަނގަޅު އަދި ބަލިމީހުންނަށް އަޅާލުންތެރި އަދި އޯގާތެރި ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބުން،" ހަލީމް ވިދާޅުވި އެވެ.