ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު ވޯޑުތަކެއް ހަދައި، ޖާގަ އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ވިދާޅުވެއްޖެ އެވެ.

އޭނާ "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ހޮސްޕިޓަލުގައި އިތުރު އެނދު ބަހައްޓައި ފަރުވާ ފުރިހަމަކުރަމުން އަންނަ ކަމަށެވެ.

އާ ވޯޑުތައް ހަދަން ނިންމާފައިވަނީ އިމާރާތުގެ ތިން ވަނަ ފްލޯގަ އެވެ. ކުޑަކުދިންނާއި މެޑިކަލް ވޯޑަށް ހާއްސަކޮށްގެން ހަދަނީ 28 އެނދުގެ ވޯޑެކެވެ. 

އެ ދެ ޑިޕާޓްމަންޓަށް މިހާރު ހާއްސަކޮށްފައިވަނީ ކޮންމެ ތަނަކަށް 12 އެނދާ އެކު ޖުމްލަ 24 އެނދެވެ. އެކަމަކު، އަލަށް ހަދާ ތަނަށް ބަދަލުކުރުމުން، މިހާރު ބޭނުންކުރާ އެނދުތައް އެހެނިހެން ބަލިތަކުގައި ފަރުވާ ދޭ މީހުންނަށް ބޭނުންކުރެވޭނެ ކަމަށް ހަލީމް ވިދާޅުވި އެވެ. 

"ޓާގެޓަކީ އަންނަ ނޮވެމްބަރުގެ ކުރިން އެ ތަން ނިންމުން،" މިދިޔަ އާދިއްތަ ދުވަހު ދެއްވި އިންޓަވިއުގައި ހަލީމް ވިދާޅުވި އެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔަ ނަމަވެސް، އެ ތަނުގައި ހިންގާ ސަރުކާރުގެ ހަމައެކަނި ހޮސްޕިޓަލްގެ ހިދުމަތްތައް ދަށްކަމުގެ ޝަކުވާތައް ވަރަށް ބޮޑެވެ. އޭގެ ތެރެއިން، އާބާދީއާ އެއްވަރަށް ފަރުވާތައް ނުދެވުމާއި ލަސްވުމުގެ ކަންބޮޑުވުންތައް ހިމެނެ އެވެ.

އެކަމަކު، ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އެ ކަންބޮޑުވުންތަކަށް ބޮޑު ހައްލެއް ގެނެސްދެވިފައިވާ ކަމަށް ހަލީމް ވިދާޅުވި އެވެ. 

"މި ފަހުން ހުޅުމާލެ ހޮސްޕިޓަލަށް ގެނައި އިތުރު ޑިވެލޮޕްމަންޓެއް އެއީ، އިމަޖެންސީ ރޫމް ވެސް ބޮޑުކޮށްފައި ކުރިން ހަތް އެނދުގެ އީއާރު 14 އެނދުގެ އީއާރަށް ބަދަލުކޮށްފައި. އެކަމަކު، ހަގީގަތުގައި ހުޅުމާލެ ހޮސްޕިޓަލްގައި އަޅުގަނޑުމެން ބޭނުންވާ ވަރަށް ރައްޔިތުންނަށް އެ ފެންވަރުގައި ހިދުމަތް ދިނުމަށް ގޮންޖެހުންތައް އެބަހުރި. ހުޅުމާލެ ހޮސްޕިޓަލުގައި ބޭނުންވާ ވަރަށް ބެޑު ކެޕޭސިޓީ ނެތް. އިތުރު އިމާރާތެއް ނެތި އަޅުގަނޑުމެންނަށް ބެޑު އިތުރެއް ނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.