ވެމްކޯގެ އޮޕަރޭޝަން އާންމު ހާލަތަށް ގެނެސް މާދަމާއިން ފެށިގެން، ކުރިއެކޭ ވެސް އެއްގޮތަށް ކުނި ނަގަން ފަށާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ވެމްކޯ އިން ރޭ ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ސްޓޭޝަންތަކުން ދެމުން އަންނަ ހިދުމަތްތައް ކުރިއެކޭ ވެސް އެގޮތަށް މެދުނުކެނޑި މާދަމާއިން ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ ކުނި ނެގުމުގެ ހިދުމަތް "ކެޕްސް" ނުވަތަ ބޮޑެތި ކުނި އުކާލަދިނުމުގެ ހިދުމަތް ކުރިއެކޭ އެގޮތަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އެ އިއުލާނުގައި ބުނި ގޮތުގައި، ޓްރާންސްފާ ސްޓޭޝަންތަކަށް ގެންދާ ކުނި ހުންނަން ވާނީ ކުނި އުފުލުމުގެ މިންގަނޑުތަކާއި އުސޫލާ އެއްގޮތުގެ މަތިންނެވެ. އަދި ގާކުނި (ސީއެންޑީ) ހުންނަން ވާނީ ދެބަޔަަށް ވަކިކޮށްފަ އެވެ.
ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސައިޓުގެ ބައެއް ސަރަހައްދުތައް ބަންދުކުރަން ޖެހުމުން ކުނި ބަލައިގަންނަ މިންވަރު މަދުކުރަން މަޖުބޫރުވި ކަމަށް ވެމްކޯ އިން ކުރިން ބުނެފައިވެ އެވެ.
އެ ހާދިސާގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ޓްރާންސްފާ ފެސިލިޓީތަކުގެ އޮޕަރޭޝަނަށް ބުރޫއަރައި، ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ޖެހުނެވެ. އަދި ބޮޑެތި ކުނި ބަލައިގަތުން މެދުކަނޑާލި އެވެ.
ވެމްކޯގެ އެމްޑީ މުޖުތަބާ ޖަލީލް ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި، ތިލަފުއްޓަށް ގެންދާ ކުނި އެ ތަނުގައި ބަހައްޓައިގެން، ކުނިވާ ޒާތުގެ ކުންޏާއި ފަންކުނޑި އާއި ގްރީން ވޭސްޓް އަދި ހުޅުހިފާ ޒާތުގެ ކުނި ވެސް ވަކިކުރާ ކަމަށެވެ. ސައިޓުގައި ރޯވީ ވަކިކޮށްފައި ހުރި ހުޅުހިފާ ޒާތުގެ ކުނީގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މުޖުތަބާ އިއްޔެ ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި ކުނި މެނޭޖްކުރަން ވެމްކޯއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދައިދޭން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އެ ކުންފުންޏަށް މިހާރު ވަގުތީ ގޮތުން ބިމެއް ވެސް ހަމަޖައްސައިދީފަ އެވެ.