ގޮފިތަކަށް 30 ޕަސެންޓާ ހަމައަށް، ދާއިރާ އިން ބޭރު މީހުން ހިމަނައިގެން ދާއިރާ ގޮފި ހެދޭ ގޮތަށް އިދިކޮޅު އެމްޑީޕީން ގަވާއިދެއް ހަދައި އަމަލުކުރަން ފަށައިފި އެވެ.

އެ ޕާޓީން މިއަދު އާއްމުކުރި ގަވާއިދުގައިވާ ގޮތުން ދާއިރާއެއްގެ ގޮތްޕެއްގައި މަދުވެގެން 50 މެންބަރުން ތިބެންޖެހޭއިރު، އޭގެ ތެރެއިން 70 ޕަސެންޓު މެންބަރުން ވާން ޖެހޭނީ އެ ދާއިރާގައި ރަޖިސްޓަރީ ވެފައިވާ މެންބަރުންނަށެވެ. 

"ގޮފި ގަވާއިދު" ގެ ނަމުގައި އާއްމުކުރި ގަވާއިދުގައިވާ އަނެއް ބަދަލަކީ އެމްޑީޕީގެ ޓިކެޓުގައި މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުން ފަދަ ވަގުތީ ކަންކަމަށް ވެސް ގޮފި ހެދޭ ގޮތަށް އޮތުމެވެ.

އެ ޕާޓީގެ ފަލްސަފާ އާއި އާއްމު އުސޫލާާ ހިލާފު ނުވާ ގޮތަށް ވަކި ފިކުރެއް ކުރިއަރުވަން ވެސް އާ ގަވާއިދުގެ ދަށުން ގޮފި ހެދޭނެ އެވެ. "ފިކުރީ ގޮފި" ގެ ގޮތުގައި އުފައްދާ އެ ގޮފިތައް ހެދޭނީ މަދުވެގެން 100 މެންބަރުން ހަމަކޮށްގެންނެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ފާސްކޮށް، މިއަދު އާއްމުކުރި އެ ގަވާއިދުގައިވާ ގޮތުން ގޮތްޕެއް އުފައްދަން އެ ޕާޓީގެ ކޮންމެ މެމްބަރަކަށް ވެސް ހުށަހެޅިދާނެ އެވެ. ގޮތްޕަށް ކިޔާނެ ނަމަކާ އެކު، ގޮފި އުފައްދަން ހުށަހެޅުމުން، މެންބަރުން ހަމަކުރަން އެމްޑީޕީގެ ސެކްރެޓޭރިއަޓުން ދޭނީ 30 ދުވަހުގެ މުހުލަތެކެވެ.

ގޮފި ރަޖިސްޓަރީކުރާ ފަހުން ވެސް މެންބަރުންގެ އަދަދު މަދުވެ، އެ ގޮތުގައި 30 ދުަވަަސް ވެއްޖެ ނަމަ ގޮފި އުވޭނެ އެވެ.

އެމްޑީޕީގެ ގޮފިތައް އުފައްދަން ވަކި ގަވާއިދެއް ހެދި މިއީ ފުރަތަމަ ފަހަރެެވެ.

އެނގިފައިވާ ގޮތުގައި އެ ގަވާއިދު ހެދުމުގެ ހިޔާލު އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވީ އެއް ދާއިރާއެއްގައި އެއް ނަމެއްގައި ދެ ގޮފި އުފައްދަން ބަޔަކު ކުރި މަސައްކަތެއްގައި ބޮޑު ހިޔާލު ތަފާތުވުމެއް އުފެދިގެންނެވެ.

އެމްޑީޕީގެ ދާއިރާތަކުގެ ގޮފިތައް ހެދުމުގެ ފޯރި މިހާރު ގަދަވެފައި ވަނީ އަންނަ މަހުގެ 19 ގައި ބާއްވާ އެ ޕާޓީގެ ކޮންގްރެސްއާ ދިމާކޮށެވެ.