ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްގެ ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގެ މަހާސިންތާ ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން އއ. އުކުޅަހަށް މިއަދު ވަޑައިގެންފި އެވެ. 

ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތުމުން، ރަށުގެ ގިނަ ބަޔަކާއި އެ މަހާސިންތާގެ ބައިވެރިން ވަނީ ބަނދަރުން އެ ދެކަނބަލުންނަށް މަރުހަބާ ކިޔައިފަ އެވެ. 

އުކުޅަހުގައި އިއްޔެ ފެށި މި މަހާސިންތާއަކީ އދ. ގެ އިގުތިސާދީ އަދި އިޖުތިމާއީ ކަންތައްތަކާ ބެހޭ ޖަމިއްޔާ އާއި ރާއްޖޭގެ އޮޑިޓާ ޖެނެރަލްގެ އޮފީހާ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާއެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އުކުޅަހަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ އާންމުންނާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އުކުޅަހަށް ވަޑައިގަތުމުން މަރުހަބާ ކިޔަން ދިޔަ އާންމުންނާ އެމަނިކުފާނު ސަލާންކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށް ގެންދާ މި މަހާސިންތާގެ ދަށުން މިއަދު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވާނެ އެވެ. 

މި މަހާސިންތާގެ ބޭނުމަކީ ގައުމުތަކުން ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަމުން އަންނަ މިންވަރު ބެލުމަށް ކުދި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުން އޮޑިޓްތައް ކުރުމަށް ގާބިލުކަން އިތުރުކުރުމެވެ.  

މަހާސިންތާގައި އެކި ގައުމުތަކުގެ އޮޑިޓް އޮފީސްތަކުގައި މަސައްކަތް ކުރައްވާ 80 މަންދޫބަކު ބައިވެރިވެވަޑައިގަންނަވަ އެވެ.  

މި މަހާސިންތާގައި މިއަދު ބާއްވާނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ކުރާ މަސައްކަތްތަކުގައި އޮޑިޓް އިދާރާތަކުން އަދާކުރާ ދައުރުގެ މައްޗަށް ކުރިއަށް ގެންދާ މަޝްވަރާތަކެވެ. އަދި ހިންގުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުމާއި ގުޅޭ ސެޝަންތަކެއް ވެސް ކުރިއަށް ގެންދާނެ އެވެ.