މީގެ ހަތް އަހަރު ކުރިން، ކ. އަތޮޅު ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކަމުގައި ހުންނަވަނިކޮށް ކުރެވުނު ސީރިއަސް ތުހުމަތުތަކަކާ ގުޅިގެން މަގާމުން ވަކިކުރި މުހައްމަދު ރާގިބް ސިވިލް  ކޯޓަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމަށް ފަހު އެކަން ބަދަލުކޮށްފި އެވެ. 

ސިވިލް ކޯޓުގެ ގާޒީކަމަށް ތިން ބޭފުޅަކު ހޯދަން ޖޫން މަހު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 42 ބޭފުޅުންގެ ތެރެއިން އައްޔަންކުރަން ޖޭއެސްސީން ނިންމި ބޭފުޅުންގެ ތެރޭގައި ރާގިބް ހިމެނި، މާދަމާ އޮތީ މަގާމުގެ ހުވާކުރަން ވެސް ތާވަލްކޮށްފަ އެވެ. 

ނަމަވެސް މިރޭ ބޭއްވި ބައްދަލުވުމެއްގައި ވަނީ ރާގިބް އައްޔަންކުރަން ނިންމި ނިންމުން އަނބުރާ ގެނެސްފަ އެވެ. 

"ރާގިބާ ބެހޭ ގޮތުން ޝަކުވާތަކެއް ލިބިފައި ވާތީ، ނިންމުން ބަދަލުކޮށް އަލުން ގޮތެއް ނިންމަން މެންބަރުންގެ އިއްތިފާގުން ނިންމީ،" މައުލޫމާތު އެނގޭ ބޭފުޅަކު ވިދާޅުވި އެވެ. 

ޖޭއެސްސީގެ މިރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ބަންޑާރަ ނާއިބު އަހްމަދު އުޝާމް ނޫން ހުރިހާ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. 

ރާގިބް އައްޔަންކުރުމުގެ ނިންމުން ބަދަލުކުރި ނަމަވެސް އޭނާގެ ބަދަލުގައި އިތުރު ބޭފުޅެއްގެ ނަމެއް ފާހެއް ނުކުރެ އެވެ. އަދި އަނެއް ދެ ބޭފުޅުން މާދަމާ މަގާމުގެ ހުވާކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

ރާގިބް މި ސަރުކާރުގެ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް ވެސް އައްޔަންކުރި އެވެ. އޭނާ އެ މަގާމުން ވަކިކުރީ ގދ. ތިނަދުއަށް ސިޓީގެ ދަރަޖަ ދިނީ އޮޅުވާލައިގެން ކަމަށް ބުނެ، އެ މަގާމުގައި ހުރެގެން ދައުލަތާ ދެކޮޅަށް ދައުވާއެއް ކޮށްފައި އޮއްވަ އެވެ. 

ރާގިބް މެޖިސްޓްރޭޓް ކަމުގެ މަގާމުން ވަކިކުރީ ޖިންސީ ފުރައްސާރަ އާއި ކޮށްފައިވާ ހުކުމްތަކަކަށް ބަދަލު ގެނައުމާއި މުވައްޒަފުންނާ މެދު ތަފާތުކުރުން ގެންގުޅުމާއި މައްސަލަ ހުށަހަޅާ ބައެއް މީހުންނާ ގާތް ގުޅުންތައް ބޭއްވުމާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމާއި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބައެއް ކަންކަން ކުރުވި ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގަ އެވެ.