އުފަންވުމާ އެކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔަ ތުއްތުކުއްޖާއާ ގުޅުވައި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗު)ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ނާޒިމާ އަލީއަށް އިންޒާރުދީ، ރިޝްވަތުގެ ތުހުމަތު އެޅުވި މައްސަލަ ހޮސްޕިޓަލުން ކުށްވެރިކޮށްފި އެވެ.
އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމުން ސޯޝަލް މީޑިއާގައި އެކަމާ ސުވާލު އުފައްދައި، ކަންބޮޑުވުން ފާޅުކުރީ ކުއްޖާގެ މަންމަ އެވެ. އުމުރުން 25 އަހަރުގެ މަންމަ ބުނެފައި ވަނީ އޭނާގެ ނަފްސާނީ މައްސަލައެއް ހުންނާތީ، އަދި އަތުގެ ނުކުޅެދުންތެރިކަމެއް ހުރުން ސަބަބަކަށް ދައްކައި، ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. ކުއްޖާ ގެންދިޔައީ ވިހޭތާ ތިން ވަނައަށްވީ ދުވަހު އޭނާގެ ނުރުހުމުގައި ކަމަށް ވެސް ބުނެފައިވެ އެވެ.
މި މައްސަލަ ސޯޝަލް މީޑިއާގައި ވައިރަލްވެ، އެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން ޖެހުނު ސަަބަބާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. މި މައްސަލައާ ގުޅިގެން މަންމަ އާއްމުކުރި ވާހަކައަަކަށް ބަލައި، ފެމިލީ މިނިސްޓްރީން މިކަމުގައި އަމަލުކުރި ގޮތާ މެދު ވަނީ ފާޑުކިއުން އަމާޒުވެފަ އެވެ.
ކޭއާރުއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުއްޖަކާއި އެ ކުއްޖާގެ މަންމައާ ގުޅޭގޮތުން ހިނގައިދިޔަ ކަމަށް ބުނާ ހާދިސާއަކާ ގުޅުވައިގެން، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަދަކަމުން އެ ކުއްޖާ މަންމަގެ އަތުން އަތުލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައުލޫމާތުތަކާއި ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިވަގުތު ތަހުގީގު ކުރަމުންދާ މައްސަލައަކަށްވާތީ، ސަރުކާރުގެ އިދާރާތަކަށް ފޯރުކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ހޮސްޕިޓަލުން ވަނީ ދީފަ އެވެ.
"ސޯޝަލް މީޑިއާގައި އެއްވެސް ހަގީގަތެއް ބެލުމެއްނެތި ފަތުރަމުންދާ ދޮގު ވާހަކަތަކަކީ އެކަމުގެ ނާޖާއިޒު ފައިދާއެއް ހޯދުމުގެ ނިޔަތުގައި ބަޔަކު ކުރާ މަސައްކަތް ކަމުގައި މި ހޮސްޕިޓަލުން ދެކެމެވެ. ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އަސާސީ ހައްގުތަކަށް އަރައިގެންފައިވާ ކަމަށް ކުރެވޭ ނާޒުކު ތުހުމަތުތަކަކީ ހަމައެކަނި ގާނޫނީ އަދި ތަހުގީގީ އިދާރާތަކުގެ ތެރެއިން ބަލައި ހައްލުކުރަންޖެހޭ ކަންކަމެވެ،" އެ ބަޔާނުގައިވެ އެވެ.
އެހެންވެ އަމިއްލަ ލަފާތަކާއި ދޮގު މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށް ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ އިތުރުން އެ ހާދިސާއާ ގުޅުވައިގެން ހޮސްޕިޓަލުގެ ސީއީއޯ ނާޒިމާއަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އިންޒާރުދީ، ބަދުބަސް ބުނެ، ނޭދެވޭ އަދި ބޭއަދަބީ މެސެޖުތައް ފޮނުވުމާއި ރިޝްވަތު ނެގި ކަމުގެ ދޮގު ތުހުމަތުތައް ކުރަމުންދާތީ އެކަމާ ކަންބޮޑުވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.
ނާޒިމާއަށް ޖިސްމާނީ އަނިޔާއެއް ދޭނެކަމުގެ އިންޒާރު ދިނުމާއި ބިރުދެއްކުމާއި ފުރައްސާރަކުރުން ކުށްވެރިކޮށް އެ ހޮސްޕިޓަލުން ވަނީ ރަސްމީ އިދާރާތަކުން ހާމަކުރާ ސައްހަ މައުލޫމާތަށް ބަރޯސާވުމަށް އިލްތިމާސްކޮށްފަ އެވެ.
އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް އެޗްއާރްސީއެމުން ވެސް ބަލަމުން ގެންދާއިރު މިނިސްޓްރީން ބުނެފައި ވަނީ ކުއްޖާ ދައުލަތަށް ނެގުމުގައި އަމަލުކޮށްފައި ވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ކުއްޖަކު އެގޮތަށް ނަގާނީ އާއިލާ އިން ރައްކާތެރިކަން ކަށަވަރުނުވާ ހާލަތުގައި އެކަނި ކަމަށެވެ.
ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި ރާއްޖޭގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާގައި، އާއިލާގެ ފަރާތުންނާއި ޖަމާއާތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން، ހާއްސަ އެހީތެރިކަމާއި ހާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދިންނާއި ޅަފުރައިގެ ކުދިންނަށް ލިބިފައިވާ ހައްގެއް ކަމަށެވެ.
އެ ކުއްޖާ ދައުލަތަށް ނެގި ސަބަބުތައް ބަޔާންކޮށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަނުން ސާވިސް އިން އާއިލާއަށް ވަނީ ސިޓީއެއް ފޮނުވައިފަ އެވެ. އެ ސިޓީގައިވާ ގޮތުން، ކުއްޖާ ގެންދިޔައީ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރި ކަމަށް އެ އިދާރާއަށް ހުށަހަޅާފައި ވާތީ އެވެ.
ކައިވެނިން ބޭރުގައި ލިބުނު އެ ކުއްޖާގެ މަންމަ ދިރިއުޅޭ މާހައުލާއި ނަފްސާނީ ހާލަތާއި އަތުގެ ނުކުޅެދުންތެރިކަމާއި އާއިލާ އިން ވެސް އަޅާލާނެ ބަޔަކު ނެތުމަކީ ދައުލަތަށް ކުއްޖާ ނަގަން ޖެހުނު ސަބަބުތައް ކަމަށް އެ ސިޓީގައިވެ އެވެ.