ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު، ރައީސް އޮފީހުގެ އިސް މަގާމަކަށް މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވަނީ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައި އާޒިމާ މަސައްކަތަށް ނުކުމެވަޑައިގެންނެވިކަން "މިހާރު"އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.
އާޒިމާ ވަނީ މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި 2023 ގައި ވާދަކުރައްވައި ނާކާމިޔާބުވެފަ އެވެ. މި ސަރުކާރާ ގާތް ގުޅުމެއް އޮތަސް މިހާތަނަށް އޭނާ މަގާމަކަށް އައްޔަންކޮށްފައެއް ނުވެ އެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެއްގައި ވަކީލެއްގެ ގޮތުގައި އޭނާ ވަނީ މަސައްކަތްކުރައްވައިފަ އެވެ.
ރައީސް އޮފީހުގެ އިސް މަގާމަކަށް އާޒިމާ އައްޔަންކުރެއްވިއިރު، އޭނާގެ މައްޗަށް މީގެ ކުރިން އުފުލި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ އަދި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ މި ސަރުކާރުގައި ވަނީ އަނބުރާ ނަގައިފަ އެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މައްސަލާގައި އާޒިމާގެ މައްޗަށް ދައުވާ އުފުލީ 2019 ވަނަ އަހަރެވެ.
އެ ދައުވާތައް ރިވިއުކޮށްދޭން އޭނާ ހުށަހެޅުއްވުމުން ޕީޖީ އޮފީހުން ވަނީ ތުހުމަތު ކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވާތީ އެ ދައުވާތައް އަނބުރާ ނަގައިފަ އެވެ.
އެހެންވެ، އާޒިމާގެ މައްޗަށް ދައުވާ ކުރިއަށް ގެންދަން މަސްލަހަތެއް އޮތް ކަމަށް ނުފެންނަ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.