ރާއްޖޭގައި މިހާރު ބޭނުންކުރާ ޕޭމަންޓް ސިސްޓަމްތަކުގެ ތެރެއިން ވަކި ސިސްޓަމަކީ "ނެޝަނަލް ޕޭމަންޓް ސުވިޗް" ކަމަށް ކަނޑައެޅުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް އޮންނަ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ގެނައި އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ހޯމަ ދުވަހު ގެނައި އިސްލާހު ރައީސް މުއިއްޒު ތަސްދީގުކުރެއްވުމާ އެކު، މިއަދުން ފެށިގެން އެ އިސްލާހަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.
މި އިސްލާހުގެ ބޭނުމަކީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗާ އިތުރަަށް ހަރުދަނާކޮށް، އިތުރަށް ތަަރައްގީކުރަން ނެޝަނަލް ޕޭމަންޓް ސުވިޗެއް ގާއިމްކޮށް ހިންގުމާ ބެހޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި ނެޝަނަލް ޕޭމަންޓް ސިސްޓަމްގެ ގާނޫނުގައިވާ އުސޫލުތައް ހިމެނުމެވެ.
އެ ގާނޫނުގެ 15 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކޮށްފައިވާއިރު، އެ މާއްދާގައި ބުނަނީ ރާއްޖޭގެ ގައުމީ ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމެއް އެެއީ ނެޝަނަލް ޕޭމަންޓް ސުވިޗު ކަމަށް ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭނެ ކަމަށެވެ. އެއާ އެކު، އެ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އެ އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް ރޫޓްކުރަން ޖެހޭނީ ނެޝަނަލް ޕޭމަންޓް ސްވިޗް ކަމަށް ކަނޑައަޅާފައިވާ ޕޭމަންޓް ސިސްޓަމް މެދުވެރިކޮށެވެ.
ސަރުކާރުން މިހާރު އިސްކަންދޭ ޕޭމަންޓް ސިސްޓަމަކީ "ފަވަރަ" އެވެ. އިންޑިއާގެ ޕޭމަންޓް ސިސްޓަމް "ޔޫޕީއައި"އާ މިފަހުން ގުޅާލީ ވެސް ފަވަރަ އެވެ. ރާއްޖޭގެ ބޭންކްތަކުގެ މެދުގައި ހިންގާ މުއާމަލާތްތައް ޕްރޮސެސްކުރަނީ ވެސް ފަވަރަގެ ތެރެއިންނެވެ.
ގާނޫނަށް ގެނައި މި އިސްލާހާ އެކު އެމްއެމްއޭ އިން ހަދާ ގަވާއިދުގައި ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި، ނެޝަނަލް ޕޭމަންޓް ސުވިޗުގެ ގޮތުގައި ކަނޑައަޅާ ސިސްޓަމްގައި، ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތްދޭ ހުރިހާ ފަރާތްތަކުން ބައިވެރިވާން ޖެހޭނެ އެވެ. އަދި ޕޭމަންޓް ހިދުމަތްދޭ ތަންތަނުން އެގޮތަށް ބަދަލުވާ މަރުހަލާގައި އިންތިގާލީ އިންތިޒާމެއްގެ ތެރެއިން ހިދުމަތް ދިނުމުގެ ހުއްދަ އެމްއެމްއޭ އިން ދޭނެ އެވެ.