ސައުދީ އަރަބިއާގެ މައްކާއަށް އަމާޒުކޮށް ހޫތީން ދޭން އުޅުނު ޑްރޯން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން މިއަދު ކުށްވެރި ކުރައްވައިފި އެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްލާމްދީނުގެ އެންމެ މާތް ބިމުގެ އަމާންކަމާއި ހުރުމަތަށް ނުރައްކާވާ ފަދަ ކޮންމެ އަމަލަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެއީ މުޅި އިސްލާމީ އުންމަތަށް ކުރިމަތިކުރެވޭ ފުރައްސާރައެއް ކަމަށް އެމަނިކުފާނުގެ ޕޯސްޓްގައިވެ އެވެ.

"ދިވެހިރާއްޖެއިން އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާއެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައި،" ރައީސް ވިދާޅުވި އެވެ. 

ރައީސްގެ ޕޯސްޓުގައި މައްކާ އާއި އެ ސިޓީގެ ރައްޔިތުންނާއި އަޅުކަމަށް ގޮސްއުޅޭ އުމްރާވެރިން އަދި ހައްޖާޖީން ރައްކާތެރި ކުރުމުގައި ރޯޔަލް ސައުދީ އެއާ ޑިފެންސް ފޯސަސްއިން އަޅަމުންދާ އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކަށް ތައުރީފު ކުރެއްވި އެވެ.

އެފަދަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، އެ މައްސަލާގައި އިތުރަށް މަސްރަހު ގޯސްވިޔަނުދީ އަދި ސުލްހަ އާއި މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށް ގުޅުންހުރި އެންމެހާ ފަރާތްތަކަށް ރައީސް ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. 

ޔަމަންގެ ހޫތީ ހަނގުރާމަވެރިން މައްކާ ސަރަހައްދަށް އަމާޒުކޮށް ފޮނުވާލި ޑްރޯނެއް އެ ސަރަހައްދަށް ވަނުމުގެ ކުރިން ވައްޓާލާފައިވާ ކަމަށާއި އަދި ހަމަލާތަކުގެ ނުރައްކާ ދެ ހަރަމްފުޅާއި އަޅުވެރިންނަށް ފޯރަން ފަށައިފިނަމަ އެއީ ރަތް ރޮނގު ފަހަނަޅައި ދިއުން ކަމަށް ސައޫދީން އިސްވެ އުފައްދާފައިވާ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

އެކަމަކު ހޫތީން އެ ހަމަލާ ދިން ކަމަށް އެ މީހުން އިންކާރު ކުރެ އެވެ. އަދި ހޫތީން ބުނީ އެ މީހުން ހަމަލާ ދެނީ ސައޫދީގެ ތެލުގެ ވަސީލަތްތަކަށް ކަމަށާއި އެއީ މައްކާ އާއި މަދީނާއާ ވަރަށް ދުރު ކަމަށް ހޫތީން ބުނެފައިވެ އެވެ.

އެ ހަމަލާ ދީފައިވަނީ ޚަމީސް މުޝައިތު އާއި އަބްހާ އަދި ތާއިފަށް ހޫތީން ދިން މިސައިލާއި ޑްރޯން ހަމަލާތަކުގައި އާންމުންގެ 13 މީހުން ޒަހަމްވެ، ހަތް ގެއަކަށާއި ދެ ވެހިކަލަކަށް ގެއްލުންވި ކަމަށް ސައުދީ ކޯލިޝަނުން ބުނިތާ އެއް ދުވަސް ފަހުންނެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން ޔަމަނުގެ ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ސަރުކާރުގެ ސިފައިންނާއި ހޫތީންނާ ދެމެދު ކުރިމަތިލުންތައް ވަނީ އިތުރުވެފަ އެވެ. އަދި ޔަމަނުގެ ވެރިރަށް ސަންއާ އާއި އެތައް ޕްރޮވިންސެއް 2014 ވަނަ އަހަރު ހޫތީން ހިފުމާ ގުޅިގެން، ސައޫދީ އިސްވެ އޮންނަ އަރަބި ކޯލިޝަނުން ވަނީ ޔަމަނުގެ ސަރުކާރަށް ތާއީދުކޮށް އަދި ހޫތީންގެ އަމާޒުތަކަށް ހަމަލާ ދެމުންނެވެ.