ރާއްޖޭގެ އެކި ސަރަހައްދުތަކުން މި އަހަރު އޯލެވެލް އިމްތިހާނު ހަދާ 8،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު އޯލެވެލް އިމްތިހާން މިއަދު ފަށައިފި އެވެ.
އަންނަ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އޯލެވެލް އިމްތިހާނުގައި ޖުމްލަ 8،111 ދަރިވަރުން ބައިވެރިވެ އެވެ. އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނީ 7،776 ދަރިވަރުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، މާލެ ސަރަހައްދުގައި އައިޖީސީއެސްއީ އިމްތިހާނުގައި 3،222 ދަރިވަރުން ބައިވެރިވާނެ ކަމަށެވެ. މި ސަރަހައްދުގައި އެސްއެސްސީ އިމްތިހާނުގައި ބައިވެރިވާނީ 2،869 ދަރިވަރުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ރަށްރަށުގައި އައިޖީސީއެސްއީ އިމްތިހާނުގައި 4،889 ދަރިވަރުން ބައިވެރިވާއިރު، އެސްއެސްސީ އިމްތިހާނުގައި ބައިވެރިވަނީ 4،907 ދަރިވަރުންނެވެ.
އެ އިމްތިހާން 267 ސެންޓަރެއްގައި ކުރިއަށް ގެންދާނެ އެވެ. އެއީ މާލެ ސަރަހައްދުގެ 25 ސެންޓަރަކާއި އަތޮޅު ތެރޭގެ 242 ސެންޓަރެއްގަ އެވެ.
މިއަދު އެ އިމްތިހާން ފެށުމާ ގުޅިގެން ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ދަރިވަރުން ތިބީ އެ އިމްތިހާނަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންވެ އިމްތިހާން ހަދާ ދުވަސްވަރު ދަރިވަރުން ހާސްވާ މިންވަރަށް އެ ކުދިންނަށް ކިޔެވުމަށް ބާރު އެޅުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ އިމްތިހާން ހަދަން ފެށުމުގެ ކުރިން މާތްﷲގެ މަދަދަށް އެދި ބިސްމީގެ ބަރަކާތުން ޕޭޕަރު ހެދުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
"ދަރިވަރުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދުން ދުވަސް ފައްޓައި، އިމްތިހާނު ހެދުމުގެ ކުރިން ﷲ ގެ މަދަދަށް އެދި، ބިސްމީގެ ބަރަކާތުން ޕޭޕަރު ހަދަން ފައްޓާށޭ. ރަނގަޅު ނަތީޖާއެއް ހޯދުމަށް ހިތުގައި އޮންނަ ޝައުގު ﷲ އަށް ދަންނަވަން ވާނެ. ހުރިހާ ދަރިވަރުންނަށް ވެސް ވަރަށް ބާއްޖަވެރި ވަރަށް އުފާވެރި، ވަރަށް ފަސޭހަ އިމްތިހާނަކަށް އެދެން."
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާންގައި ދިވެހި ދަރިވަރުން ވަނީ ގައުމީ އަދި ދުނިޔޭގެ ފެންވަރުގައި މަތީ ވަނަތަކެއް ހޯދައިފަ އެވެ.